ވ. ރަކީދޫގައި އަނިޔާވެރިކޮށް މަރާލާފައިވާ ތިން އަހަރުގެ މުހައްމަދު އިބްތިހާލު ގަސްތުގައި މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ އެކުއްޖާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހު ވަނީ މައްސަލައިގެ ހުލާސާ ބަޔާން އިއްވާފައެވެ. އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައިވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިހާލުގެ ފުރާނަ ގޮސްފައިވާތީއެވެ. އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެކި ފަހަރުމަތިން އިބްތިހާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ އަމަލުކޮށްފައިވާތީއެވެ.
ކްރިމިނަލް ކޯޓުން ބުނީ މައްސަލައިގެ ދިރާސާ އަދިވެސް ކުރަމުން ދާތީ މައްސަލައަށް ހުކުމް ކުރުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ދައުލަތުން މި މައްސަލަ އާފިޔާގެ މައްޗަށް "ޝައްކެއް ނެތް" މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އާފިޔާގެ މައްޗަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
ދައުލަތުން ވަނީ މި މައްސަލާގައި އާފިޔާ ކުށަށް އިއުތިރާފުވެފައިވާކަން ފާހަގަކޮށްފައެވެ. ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފެއް ކަމަށާއި ގާނޫނީ ހަމަތަކުން ބަލާއިރު، އާފިޔާގެ އެ އިއުތިރާފަށް ރުޖޫއު ނުވެވޭނެ ކަމަށްވެސް ދައުލަތުން ބުންޏެވެ. ނަފްސާނީ ޑޮކްޓަރުންގެ ރިޕޯޓުތަކަށް ބަލާއިރުވެސް އާފިޔާއަކީ ހަމަ ބުއްދި ފިލައިގެންދާ ވަރުގެ އެއްވެސް ބައްޔެއް ހުންނަ މީހެއް ނޫންކަން ސާބިތުވާ ކަމަށާއި އާފިޔާގެ ވިސްނުމުގެ ތޫނުފިލި ކަމާއި، ކަންކަން ދެނެގަތުމުގެ ގާބިލިއްޔަތުކަން އާދައިގެ އެހެން އިންސާނުންނެކޭ އެއް ހަމައެއްގައި ހުރި ކަމަށް ނަފްސާނީ ޑޮކްޓަރުންނާއި ހަވާލާދީ ދައުލަތުން ބުންޏެވެ.