ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ފަސް ކުރުމަށް ގިނަ ބަޔަކު ގޮވަމުން އަންނާތީ އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން މިރޭ ހާމަ ކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އެ ކޮމިޝަނުން އަބަދުވެސް އަޑު އަހާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ހާލަތު ރަނގަޅަށް އޮޅުން ފިލުވުމަށްފަހު ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުގެ ނިންމުން މިރޭ ހާމަ ކޮށްދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ ގާނޫނު ބުނާ މުއްދަތަށް ވުރެ އިންތިހާބު ފަސް ކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ރައްޔިތުން މަޖިލިސް މެންބަރުންނާއި އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން އަންނަނީ ގޮވާލަމުންނެވެ. އެގޮތުން އެމްއާރްއެމްގެ ފަރާތުން ވަނީ އިންތިހާބު ފަސް ކުރުމަށް އެދި އީސީއަށް ސިޓީއެއްވެސް އިއްޔެ ފޮނުވާފައެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނައިރު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އިންތިހާބު ފަސް ނުކުރުމަށް ގޮވާލަމުންނެވެ. އަދި އިންތިހާބު ފަސް ކުރުމަކީ ގައުމަށް ލިބިގެން ދާނެ ވަރަަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި ގެއްލުމެއް ކަމަށްވެސް އެ މެންބަރުން ވަނީ ބުނެފައެވެ.