ދަތުރަށް ތައްޔާރު ކުރަމުންދާ ފޮށިގަނޑުތައް ބަންދުކުރުމަށް ގުދުވެ އޮތުމަށްފަހު ތެދުވެ ހިން ދަމާލައި ފުން ނޭވާއެއް ލުމަށްފަހު އަލިބެ ބުނެލިއެވެ. " ބައި މިލިއަނެއްހައި ރުފިޔާ ޚަރަދުކޮށްގެން އެޅި ގެ ފައްކާކޮށް ނިމުނުއިރަށް އެގޭގައި އުޅޭނެ ފުރުޞަތެއްވެސް ނުލިބި ފުރައިގެން ދާންޖެހުމުން ހާދަ ހިތަކަށް އަސަރު އެބަ ކުރެޔޭ" ހަސީނާ ހަމަޖެހިލުމާއެކު ޕިސް ކަނޑާލާފައި ބުންޏެވެ.
" ދެން އަލިބޭ އެހާ ފިކުރު ކުރާ އެއްޗެއްނޫން…..ފާރޫގު ގެ ބަލާނެ …..ދޯ ފާރޫގު…..! އެހެންނޫނަސް ކީއްކުރާ ގެއެއް؟…..އަހަރެމެންގެ ހުރި ހުރިހައިވެސް ކަމަކީ މި ޝާނީ!….އެ މަންޖެއަށް ކިޔެވެނިކޮށް ނިމުނީ!….އެއަށްވުރެ ވަކިބޮޑު އުފަލެއް ލިބޭނެތަ؟
އަލިބެ "އެހެންވީމާތާ މިއުޅެނީ …… ފާރޫގު! ރަނގަޅަށް ގެ ބަލައްޗޭ ! ފާޚާނާ ތަކާއެއްޗިހިވެސް ކޮންމެ ހަފްތާއަކު އެއްފަހަރުނަމަވެސް ސާފުކޮށްލަންވާނެ..! އަދި ފަޅޯ ދަނޑުވެސް…..މިހާރު އަޅާފައި އެއޮތް ފަޅޯތައް އަދި ފަނަރަވަރަކަށް ދުވަހުން ބިންނަވަރުވާނެ…… ބިނދެފައި ހަސަނުބޭމެންގެ އޮޑިއަށް ލާފައި ފޮނުވާތި….އޭރުން އަހަރެން ވިއްކާލާނަން…!
" އާނ…..ބޭބޭ! މައްސަލަނެތީ…….ބަރާބަރަށް ހުރިހާ ކަމެއްވެސް ބަލަނީ….." ކަންބޮޑު ނުވަނީ … ބޭބެ! ބޭބެމެން މާލޭގައި ޖޮބްދިޔައީމާ ކޮއްކޮ ބަލަނީ ކާކު؟ މަގޭ ކޮއްކޮ ހުންނަނީ މާލެގަ…. ބޭބެމެންގެއަށްފޮނުވަންވީދޯ؟ ފާރޫގުގެ މޫނުމަތިން ފާޅުވަމުން ދިޔަ ވިހަ ގަދަ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.
"އާނ….. ތިޔަވީ މާ ރަނގަޅަކަށެއްނު…ކޮއްކޮ ފޮނުވާތި!….. ނަސީބު ދެރައެއް ނުވާނެ" އެއްފަހަރާ އަލިބެއަށާއި ސަމީރާއަށް ބުނެލެވުނެވެ.
ދަތުރުގެ ތައްޔާރީތައް ވުމަށްފަހު ގޭދޮށަށް އެއްވެފައިވާ ގާތްތިމާގެ މީހުންނާއި އެކުވެރި ރަޙުމަތްތެރީންނާއި ސަލާން ގަލާން ކުރުމަށްފަހު އެމީހުންގެ އެންމެ ފަސް އަހަރަށްދާ ތުއްތު ދަރިފުޅު ޝާނީ ގޮވައިގެން އަލިބެއާއި ސަމީރާ ގޮސް އޮޑިއަށް އެރިއެވެ. ހަވީރުގެ ފިނި ރޯޅިތަކާއެކު އުދަރެހަށް ވެރިވެފައިވާ ރަތްވިލާތަކުގެ ރަން ކުލައިން ރަށުގެ ބަނދަރު މައްޗަށްވަނީ އާދަޔާ ޚިލާފު ހިތްގައިމުކަމެއް ވެރިވެފައެވެ.
ގަޑިން ފަހެއް ޖެހިތަނާ ހިރިލަންދޫގެ އެ ހިތްގައިމު ބަނދަރުން އޮޑި ނައްޓާލި ވަގުތަކީ އަލިބެގެ ހިތަށް ދުވަހަކުވެސް ނުކުރާވަރުގެ އަސަރުތަކެއް ކުރި ވަގުތެކެވެ. އޮޑި ނައްޓާލައިގެން ގޮސް މާލެ ދެވެންދެންވެސް އަލިބެގެ ލޯމަތީގައި ތަސްވީރު ކުރެވެމުން ދިޔައީ ހިރިލަންދޫގެ އެ ފެހިކަންގަދަ،ހަމަހިމޭން މާޙައުލުގައި އަޅާފައިވާ އެ ހިތްގައިމު ގެއެވެ.
ތިންބުރިއަށް ނަގާފައިވާ ގޭގެ ޓެރަސްމަތީގައި ހަނދުވަރުގެ ރިހި އަލީގެ ތެރޭގައި އިހުސާސް ކުރަމުންދާ ލޯބިވާ އަނބިމީހާގެ ލޫޅާފަތި ބީހިލުމެވެ. ދެލޯފަދަ ތުއްތު ދަރިފުޅުގެ އުފާވެރިކަމުގެ ހިނިގަނޑު ފަޅައިގެންދާ އަޑެވެ. އުދަރެހުގައި ކުރެހެމުންދާ ވިލާތަކުގެ ޗާލު ކުރެހުންތަކެވެ. ބަނދަރުމަތީ އެ ފެންނަ ހިތްގައިމު މަންޒަރުތަކެވެ.
ޓެރަހުގައި އިންދާފައިވާ މާބަގީޗާއިން މާޙައުލަށް ފަތުރަމުންދާ ހުސްނުހީނާމަލާއި ގުލްހަޒާރުމަލުގެ ހިތްގައިމު މީރުވަހެވެ. އަލިބެގެ ސިކުނޑީގައި ކުރެހެމުން ދިޔަ މި ހިތްގައިމު ތަޞްވީރުތަކަށް ނިމުމެއް އައީ ސަމީރާ ކޮށްޓާލާފައި އޮޑިއަށް އެރި ގޮތަށް އަނގައިންވެސް ނުބުނެ އެއްޗެއްވެސް ނުކައި ތި އޮންނަނީ ކިހިނެއްވެފައިހޭ އަހާލުމުންނެވެ. އަލިބެ ކަމެއް ނުވެއޭ ބުނެ ގައިގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑުން މުޅި މޫނު އެއްކޮށް ނިވައި ކުރުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ.
ގާތްގަނޑަކަށް މެނންދަމުން އަނބުރައި ދޭއް ޖަހާލާކަށްހާއިރު އޮޑި މާލޭގެ ދެކުނުފަރާތު ކަނޑިންމައިން ވަދެއްޖެއެވެ. "މާލެ އާދެވިއްޖެޔޭ ހުރިހާ ކުދިންވެސް ތެދުވާށޭ……ފަޅުވެރިން ގޮވާލި އަޑަށް އަލިބެވެސް ކަންނެތްފާޑަކަށް ތެދުވެ ވަށައި ހޯދާލިއެވެ. އޭރުވެސް ސަމީރާ ކުޑަ ދަރިފުޅު އަތްދަނޑިމަތީގައި ބާއްވައިގެން އެއޮތް ގޮތަށް އޮށޯވެ އޮތެވެ.
ތެދުވެ މާލެއިން ގެއެއް ހޯދުމަށް ޙަވާލު ކުރި ވަޙީދަށް ގުޅާލުމަށްފަހު ސަމީރާއަށްގޮވައި އޮޑިން ފޭބުމުގެ ތައްޔާރީތައްވަމުން އަލިބެ ދިޔައެވެ. ފަނަރަވަރަކަށް މިނިޓް ފަހުން ވަޙީދު އަލިބެމެންބަލައި ގޮސް ހުއްޓެވެ. އަލިބެއާއި ސަމީރާ އާއި ދަރިފުޅު ޝާނީ ޓެކްސީއަށް އެރުވުމަށްފަހު ވަޙީދުވެސް ޓެކްސީގެ ކުރީ ސީޓްގައި އިށީނދެއްޖެއެވެ. " ކޮބާ މާބޮޑަށް ވަރުބަލިވެފަދޯ ތިއިނީ…. އަލިބެ މާ މަޑުމަޑުން އަނގައިންވެސް ނުބުނެ ތި އިންނަނީ…." ވަޙީދު އަހައިލިއެވެ.
އާނ! ފާޑެއްގެ ގޮތެއްވެފަ މިއިންނަނީ ….. މި މާލެ ފެނުނީމާވެސް ގޮތެއް ނުވާވަރެއް ނޫނެއްނު" އަލިބެ މޭނުބައިކޮށްފައި އިން ފާޑަކަށް ބުނެލިއެވެ. ވަޙީދު ހިނިގަޑެއްޖަހާލާފައި " އެ ކިހިނެއްވީ؟ …. ދުވަސްކޮޅަކުން ހަމަޖެހިލާނެ….. އަހަރެމެންނަށް ހަމަ ބަރާބަރު …" މިހެން ބުނެވުމާއެކު މާފަންނު ލޯކަލް މަރުކޭޓާ މާދުރުނޫން ހިސާބެއްގައި އޮތް، ކާރެއްގެ ފުޅާމިންވެސް ނެތް ހަނި ގޯޅިގަނޑެއްގެ ކަންމައްޗަށް ޓެކްސީ މަޑުކޮށްލިއެވެ.
ވަހީދު ފައިބައި ވާތްފަރާތުން ދެވަނައަށް ހުރި ހަތަރެސްކަން ތަށިބަރިއެއްހެން ހީވާ ހަތަރު ބުރިއަށް ނަގާފައިވާ ކުޑަ ކުޑަ ތަނަކަށް އިޝާރާތްކޮށް މިހުރީ ގެ ކަމަށް ބުންޏެވެ.
ފުޅާ ފަތި މީހަކަށް އަރިއަކަށް ހުރެގެން ނޫނީ ނޭރޭހައި ހަނިހަނި ސިޑިއަކުން އަރައިގެން ވަޙީދު އަލިބެގެ ޢާއިލާ ގޮވައިގެން މައްޗަށް އެރިއެވެ. ހަތަރުވަނަ ބުރިއަށް އަރައި މޫނުމައްޗަށް ޖެހުނު ދޮރު ހުޅުވައިލުމާއެކުދޮރުން އެތެރެއަށްއެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުޖެހި އިށީނދެވުނީ ނިދަން ބަހައްޓާފައިހުރި އެނދުގައެވެ. އެނދުމަތިން އަނެއްފަރާތަށް ފައި ހުރަސް ކޮށްލީމާ ފާޚާނާއަށް ވަދެވެއެވެ. ކޮޓަރީގެ އެނދުމަތީގައި އިށީނދެވުމާއެކު ޝާނީ ރޯންފެށިއެވެ. ދަރިފުޅު މަސަލަސް ކުރެވޭތޯ ސަމީރާ މަސައްކަތް ކުރަމުން ގެންދިޔައެވެ
މާދަމާ ހެނދުނު އަންނާނަންކަމަށް ބުނެ ވަޙީދު ހިނގައްޖެއެވެ. އެތައް އިރެއްގެ މަސައްކަތުން ދަރިފުޅު ވެފައިވާ ހާންތީގެ ސަބަބުން ލޯމެރުނުކަމުގައިވިޔަސް އިރު އިރުކޮޅާ ރޮވެގަނެއެވެ. އިރުގަނޑަކު އަނގައިން ނުބުނެ ނިތްކުރިމަތީގައި އަތް އަޅާލައިގެން އޮތުމަށްފަހު އަލިބެ ބުންޏެވެ." ސަމީރާ ހަމަތެދެއް މިބުނީ އަހަންނަކަށް މިހެނެއް ނޫޅެވޭނެ." ސަމީރާ " އަލިބޭ… އަހަންނަކަށްވެސް ފަސޭހައެއްނޫނޭ މިހެން އުޅޭކަށެއް!… އެކަމަކު ހަމަ އަހަރެމެންކަހަކަލަ ރާއްޖެތެރޭގެ ކިތައް ޢާއިލާތަ މާލޭގައި އެމީހުންގެ ގެދޮރު ދޫކޮށްފަ އައިސް އެ އުޅެނީ…..؟ ނިކަން ބަލާބަލަ! އެހެރަ ކެޔޮޅުގޯތީ އާދަނުމެން….. އެމީހުންގެ ހުރިހައި ދަރިން ކިޔަވައިގެން އެ އުޅެނީ ބޮޑެތި މަޤާމުތަކުގަ….. މިހާރު އެއޮތީ ހުޅުމާލެއިން ގޯއްޗެއް ލިބިފައި….. ރަށުގައި ތިބެގެން ލިބޭނީ ކޮން ކުރިއެރުމެއް؟" އަލިބެ ކިތަންމެ ހިތްހަމަ ނުޖެހުނުކަމުގައިވިޔަސް ސަމީރާގެ މިވާހަކައަކީވެސް ފެންނަން އޮތް ޙަޤީޤަތެކެވެ. ވީމާ ރުހި ޤަބޫލުވުން ނޫންކަމެއް ނެތެވެ.
ނުނިމޭ.