(އިއްޔެގެ ބަޔާއި ގުޅޭ…)
ހެނދުނު ވަޙީދު އައިސް ދޮރުމައްޗަށް އަރާފައި " މިއަށްވުރެ ރަނގަޅުތަނެއް ލިބޭތޯ އެބަ ބަލަމޭ….. " މިހެން ބުނުމާއެކު އަލިބެ ބުންޏެވެ. "މިއަށްވުރެ ރަނގަޅުތަނެއް ލިބޭއިރު އަގުވެސް އެހާ ރަނގަޅުވާނެ……ކޮންތަނަކުން އެހުރިހައި ފައިސާއެއްހޯދަނީ……؟ ވަޙީދު ހާސް ނުވާށޭ ބުނެ، އަލިބެ ގޮވައިގެން ދިޔައެވެ.
އިރު އޮއްސެން އުޅެނިކޮށް އަލިބެ ގެއަށް އައީ ހިތްހަމަޖެހިގެންނެވެ. "މި މަސް ނިމެންވާއިރަށް ވަރަށްރަނގަޅު ތަނެއް ލިބޭގޮތް ވެއްޖެ. އެއީ ވަރަށް މުއްސަނދި މަހުޖަނެއްގެ ގެއެއް ! އޭނަ ބުނީ އެއްޗެއް ނުދިނަސް ހެޔޮކަމަށް …… ހަމައެކަނި ކޮށްދޭންވީ ކަމަކީއެމީހުންގެ ޕާރޓީއަށް ސޮއި ކޮށްދިނުން ކަމަށް ….އަދި އިތުރު ފަންސަވީސް މީހުން ލައްވާ ސޮއި ކުރުވައިފިނަމަ ދެން އެންމެ އަވަހަކަށް ހުޅުމާލެއިން ދޫކުރާ ފްލެޓްތަކުން ފްލެޓެއްވެސް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ދިން. ދެން ކޮމެރެއަކުވެސް މުޒާހަރާއަށް ނިކުމެ ދެނިކޮށް ނިމުނީޔޯ! " އަލިބެ ބުންޏެވެ.
" ތިޔަ ނިމުނީނު…. އަހަރެމެންނަށް ކޮންކަމެއް …..ލިބެން އޮތް އެއްޗެއް، ލިބެން އޮތް ގޮތަކަށް، ލިބިގަތީމަ ނިމުނީ……ހުޅުމާލެއިން ގެއެއް ލިބެނިކޮށް އެ ދެން އަހަރެމެންގެ ހުރިހައިކަމެއް ފުދުނީނު….. ސަމީރާ ވަރަށް އުފަލުން ހުރެ ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަލިބެވެސް ދިޔައީ މާލޭގެ ހަލަބޮލި މާހައުލަށް ހޭނި އަހުލުވެރިވަމުންނެވެ. އޮފީސް ރައްޓިހި ކުދީންނާއެކު ކޮފީއަށް ޖައްސާލުމާއި ރެސްޓޯރެންޓްތަކަށް ދިޔުންވީ ދިރިއުޅުމުގެ އެންމެހައި ފިކުރުތަކުން ދުރުހެލިކޮށްދޭ ބޭސްފަރުވާއަކަށެވެ.
ހެނދުނު އަށަކުން މެންދަމު ބާރައަށް ކަނޑައެޅިފައި އޮންނަ ބިޒީ ޝެޑިއުލް ވެގެންދިޔައީ ހިތްހަމަ ޖައްސާލުމަށް ކުޅޭ ގޭމަކަށެވެ. މަސައްކަތުން އަވަދިވީމާ އޮންނަ ވަގުތަކީ މުޒާހަރާޖަގަހުގެ ތެރޭގައި ފޯރި ނަގާ ވަގުތެވެ. ދެލޮލުގެ ނޫރުކަމުގައި ދެކިގެން އުޅުނު ދަރިފުޅު ކޮބައިތޯ ބަލައިލަން ހަނދާނެއްވެސް ނުހުރެއެވެ.
ސަމީރާވެސް އެފަދައެވެ. ހެނދުނު ހަތެއް ޖަހާއިރު ސްކޫލުގައި ވަޒީފާ އަދާކުރުމަށްފަހު ހަވީރުގެ ދެގަޑިއެއްގައި ދެތިން ގެއަކަށް ޓިޔުޝަން ދޭން ދެއެވެ. ރޭގަނޑު ބާރަ ޖަހަންދެން މުޒާހަރާގައެވެ. އެވެސް މަޖުބޫރު މާއްދާއެކެވެ. އެހެން ނޫނީ މިހާރު އެ އުޅޭ ގެއަކު ނޫޅެވޭނެއެވެ.
ދެމަފިރިންނަށް ދަރިފުޅު ހޭލާހުއްޓާ ފެންނަނީ ހަމައެކަނި ހަފްތާ ބަންދުގައި އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.ދަރިފުޅުގެ މަންމައަކީވެސް ބައްޕައަކީވެސް އެކުވެރިޔަކީވެސް ރަށުގެ ގެ ބަލަހައްޓަން ހަވާލު ކުރި ފާރޫޤުގެ ކޮއްކޮ ޕަރްވީނާއެވެ. ޕަރްވީނާ ބަރާބަރަށް ޝާނީއާއި ގޭގެ ހުރިހައި ކަމެއް ބަލަހައްޓަމުން ގެންދެއެވެ.އެހެންކަމުން ސަމީރާއަށް އެއްވެސްކަމަކާ ކަންބޮޑުވާކަށެއް ނުޖެހެއެވެ.
ހުކުރު ދުވަހުގެ މެންދުރުގެ ކާ ގަޑިއެވެ. ކާމޭޒުދޮށުގައި ތިބެ ސަމީރާ އަލިބެ ގާތުން ރަށުގެ ޚަބަރެއް ނުވޭތޯ އެހުމާއެކު އަލިބެ " އޭ ތިޔަހެން އަހައިލީމައޭ މި ހަނދާންވީ…… ފާރޫޤު ގުޅާފައި ބުނީ ދަނޑުގައި ހުރި ހުރިހައި އެއްޗެއް ވަގަށް ބިނދެފިޔޯ….. އެންމެ މިރުހެއްވެސް ފަޅޮލެއްވެސް ނެތްތާނގައި ގަސްތައްވެސް ހުރީ ކޮށާ ކުދިކުދިކޮށްފަޔޯ …." ސަމީރާ " އަހަރެމެން މިހާރު މިކޮޅުގައި މިހެން އުޅޭތީ ހަސަދަވެރިވާ މީހުންވެސް އުޅޭނެވިއްޔާ …. ތިވާނީ އެއިން ކޮންމެވެސް ބައެއްގެ ކަމެއްކަމުގައި!" ވާހަކަ މި ހިސާބަށް ދިޔަތަނާ ޝާނީ ހޮޑު ލާންފަށައިފިއެވެ.
އޭރު ޕަރްވީނާ އިނީ ޝާނީއަށް ކާން ދޭށެވެ. އަނހާ ދަރިފުޅު ކިހިނެއްވީ؟ ދެމަފިރިން އެއްފަހަރާ އަހައިލިއެވެ. އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖެއްކަމަކު އޭނާގެ ލޮލުން ފާޅުވެގެންދިޔައީ ރުޅިވެރިކަމާއި ނަފްރަތެވެ.
ސަމީރާ ގާތަށް ދިޔުމުންވެސް ޕަރްވީނާގެ ހެދުމުގައި ބާރަށް ހިފަހައްޓާލިއެވެ. ސަމީރާ ސަމާސާ ރާގަކަށް ކޮއްކީ މަންމީއާ ރުޅިވީހޭ އަހާލުމަށްފަހު ފޯއްތަބައް ކައިރިއަށް ގޮސް އަނގަ ފުރެންދެން ބޮޑު ހެދި ބިލެއްގަނޑެއްލުމަށްފަހު މިހާރު އެއޮތްގެން ތިނެއްޖަހަނީއޭ އަހަރެމެން ނައިސްގެން އެމީހުން އުޅޭނެޔޭ އަވަހަށް އަންނާށޭ ބުނެ އަލިބެއަށް ގޮވާލިއެވެ.
މިހާރު ވަރަށް ހޫނުގަދަވާނޭ ކަމަށް ބުނެ އެއް އަތުން ސަމީރާގެ ތޮފި ހިފައިގެން އަނެއް އަތުން އަލިބެގެ ތޮފި ބޮލުގައި އަޅަމުން ދެމަފިރިން ސައިކަލަށް އަރައި ނައްޓާލީ ދުވަހުގެ ބޮޑު މުޒާހަރާއަށެވެ.
އިރުކޮޅެއްނުވެ ދަރިފުޅު މާ ބޮޑަށް ބަލިވެގެންކަމަށްބުނެ ޕަރްވީނާ ސަމީރާއަށް ފޯނު ކުރިއެވެ. ސަމީރާ އޭޑީކޭ އަށް ގޮސް ޑރ. އަށް ދައްކާލާށޭ، އިރުކޮޅަކުން އެބަ އަންނަމޭ ބުންޏެވެ.
އޭ.ޑީ.ކޭ ހޮސްޕިޓަލަށް ޝާނީ ގެނަދިޔުމުން ހޮސްޕިޓަލުގައި ޝާނީ އެޑްމިޓް ކުރެވުނެވެ. އެޑްމިޓް ކުރުމުން ޕަރްވީނާ ސަމީރާގެ ފޯނަށް ގުޅިއެވެ.އިރުކޮޅެއްފަހުން ސަމީރާ ހޮސްޕިޓަލަށް އައެވެ. ދަރިފުޅު ވަރަށް ބޮޑަށް ޔޫރިން އިންފެކްޓުވެފައިވާ ކަމަށާއި ކޮންމެވެސް ޖިންސީ ގޯނާއެއްގެ އަސަރު ފެންނަން އެބަހުރިކަމަށް ޑޮކްޓަރު ވިދާޅުވުމުން ސަމީރާ ނުރުހުންވެ، އެކަމާ އިންކާރު ކޮށް އެކަހަލަ އެއްވެސް ކަމެއް ހިނގާނެ ފުރުޞަތެއް ނޯންނާނެކަމަށް ބުންޏެވެ.
އެވަގުތު ޕަރްވީނާގެ މޫނުމަތިން އާދަޔާ ޚިލާފް ނުތަނަވަސްކަމަކާއި ހާސްކަމެއް ފާޅުވަމުންދިޔައެވެ. މޫނުމަތިން ހިއްލާފައިވާ އޮށްދާތައް ފޮހެލަމުން އެއް އަތުން އަނެއް އަތް ފިތްތަމުން ގޮސް ސަމީރާ ގާތު ހުއްޓި ކައްކަންގެއަށް ދަނީ ކަމަށް ބުނެ ހިނގައިގަތެވެ.އެވަގުތު ޝާނީސިއްސައިގެން ގޮސް، މެރިފައިވާ ދެލޯ ހުޅުވައިލާފައި ޕަރްވީނާއާ ދިމާއަށް އަތްދިއްކޮށްލިއެވެ. ބިރުވެރި އިފްރީތެއްގެ އަނިޔާވެރި ވަކިތަކުން ސަލާމަތްކޮށްދޭށޭ ބުނެއާދޭސްކުރާ ފަދައިންނެވެ.
ޝާނީގެ ދެލޮލަށް ބަލައިލެވުމުން ޕަރްވީނާގެ ހިތަށް އަސަރުތަކެއް ކުރިއެވެ. ޝާނީގެ ކޮލުގައި ފިރުމާލުމަށްފަހު ޕަރްވީނާ ހިނގައިގަތެވެ.މަގުމަތިން ދަމުން މާލޭގައި ހުންނަ އޭނާގެ ބަންގާޅީ އޭޖެންޓް،( ބޮހަށް ) ޝާނީއާ ބެހޭގޮތުން ޑޮކްޓަރު ދެއްކިވާހަކަތައް ކިޔައިދިނެވެ. ކަންތައް ކުރަންވީގޮތް ބޮސް ކިޔައިދިނެވެ.
ޕަރްވީނާ ގެއަށް ދިޔައިރު އަލިބެ ގޭގައި ހުއްޓެވެ.އެހެންކަމުން އޭނާގެ ރޭވުން ނާކާމިޔާބުވެދާނެ ކަމަށްޓަކައި ހިތް ނުތަނަވަސް ވިއެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އަލިބެ ނިކުމެގެން ހިނގައްޖެއެވެ. ޕަރްވީނާ އޭނާގެ ހުރިހައި ތަކެއްޗެކާއި ދެންވެސް އެގޭގައި ހުރިނަމަ އޭނަ ބޭނުންވާހައި ތަކެއްޗެއް ނަގައި ފޮށިފޮށްޓަށް އަޅައި ބަންދުކޮށް އޭނާގެ ބޮހަށް ގުޅިއެވެ. ބޮސް އައިސްފޮށި ތަންމަތި ނަގައިގެން ހިނގައްޖެއެވެ. އޭރު ގާތްގަނޑަކަށް ރޭގަނޑު ދިހައެއް ޖަހަނީއެވެ. ޕަރްވީނާ ފެންވަރައި ނަލަވެގެން ދިޔައީ ހޮސްޕިޓަލަށެވެ. ގޮސް މަރީނާގާތު ބުންޏެވެ.
" ދައްތަ ވަރުބަލިވީ ދޯ ! ގެއަށް ދާންވީ ދޯ! ޕަރްވީނާ ހުންނަނީ ހެނދުނުވަންދެން ….." މިހެން ބުނުމުން ސަމީރާވެސް ވެފައިހުރި ވަރުބަލިކަމެއްގެ ބޮޑުކަމުންނާއި ޝާނީ ވެސް ނިދިފައި އޮތުމާއެކު ހެނދުނު އަންނަން ގެއަށް ދިޔައެވެ.
އަނެއް ދުވަހަށް އަލިވެ ޑޮކްޓަރުންނާއި ނަރުހުންގެ ޑިއުޓީ ބަދަލުވެ ޑިއުޓީ ޙަވާލުކުރަން ނަރުހުން ދިޔައިރު ޝާނީ އެނދުގައި ނެތެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަލިބެއާއި ސަމީރާ ހޮސްޕިޓަލަށް އައެވެ.ސަމީރާ ގާތުން ނަރުހުން ޝާނީ ކޮބައިތޯ އެހުމުން ސަމީރާ ނެތްހޭ އަހައި ވޯޑަށް ވަދެގެންދިޔައެވެ.
ކަންބޮޑުވެފައިވާ ޙާލު، އަނެއްކާ ޕަރްވީނާ ޝާނީ ގޮވައިގެން ދިޔައީ ކޮންތަނަކަށްހޭ އަހަމުން ޕަރްވީނާގެ ފޯނަށް ގުޅިއެވެ. ފޯނަށް ޖަވާބެއް ނުލިބެއެވެ. ސަމީރާއާއި އަލިބެގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިނަމަވެސް ޕަރްވީނާއަށް ދެވިފައިވާ އިތުބާރެއްގެ ބޮޑުކަމުން އެ ދެމަފިރިންގެ އުއްމީދުގެ ހުޅުކޮޅު ނިވެމުން ދިޔަކަމުގައިވިޔަސް ރޯވެ، އާވަމުން ދިޔައެވެ. ޝާނީ ހިތްހަމަޖައްސައިދޭން ބޭރަށް ނިކުތީކަމުގެ ޔަޤީންކަން ލިބެމުން ދިޔައެވެ.
މެންދުރު ބާރަޖައިފިއެވެ. އަދިވެސް ޕަރްވީނާގެ ޚަބަރެއް ނުވެއެވެ. އަލިބެ ޕަރްވިނާ ގެނެސްދިން އޭޖެންޓަށް ގުޅުމުން އެ ފޯނުންވެސް ޖަވާބެއް ނުލިބުނެވެ. ދެން ގުޅީ ރަށުގައި ހުރި ޕަރްވީނާގެ ބޭބެ،ފާރޫޤުގެ ފޯނަށެވެ. ފާރޫޤުވެސް ފޯނެއް ނުނަގައެވެ. އަލިބެއާއި މަރީނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އަތްފައި ފިނިވެ ވާނުވާވެސް ނޭނގޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ހޮސްޕިޓަލުންވެސް ގުޅަންވާ ފަރާތްތަކާ ގުޅައިގެން ޝާނީ ހޯދުމުގެ މަސައްކަތް ފެށިއެވެ.
ޝާނީ ގެއްލިގެން އުޅޭ ޚަބަރު ލިބުމުން ރަށުން އަލިބެގެ ބޮޑު ބޭބެ ގުޅާފައި އަލިބެމެންގޭގައި ހުރިނަމަ ހުރި ހުރިހައި އެއްޗެއް ހިފައިގެން ފާރޫޤު ފިލައިފިކަމަށާއި ގޭގައި ކުރިނަމަ ހުރީ ހަމައަކަނި ހަތަރު ފާރުކަމަށް ބުންޏެވެ. އަލިބެ ހުރި ތަނަށް ގަބުވިއެވެ. ނަމަވެސް އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ.
ދެމަފިރިން އަވަހަށް ދިޔައީ ގެއަށެވެ.ގެޔަށް ގޮސް ބެލިއިރު އެގޭގައި ޕަރްވީނާގެ އެއްވެސް އެޗެއްނެތެވެ. އަދި ސަމީރާގެ ގަހަނާތަކާއި ސެންޓުފުޅިތަކާއި މޭކަޕްކުރާ ސާމާނާއި އަންނައުނަށް ދާނދެންވަނީ ގެންގޮސްފައެވެ. އަލިބެގެ އަގުބޮޑު ލެޕްޓޮޕާއި ވޮލެޓްވެސް ނެތެވެ. ސަމީރާގެ ނިދާ އެނދުގެ ބާލީސް ދަށުގައި އިނގިރޭސި ބަހުން ލިޔެފައިވާ ނޯޓެއް ބާއްވާފައި އޮތެވެ.
ނޯޓުގައިވަނީ " އަހަރެމެން ދެން ހޯދަން އުޅުމަކީ ބޭކާރުކަމެއް …. ހޯދިޔަކަސް ނުފެންނާނެ….މިއީ ވަރަށް މޮޅަށް ރޭވިގެން ކުރެވެމުން އައި ކަމެއް…… މިއީ އެކަމަކު އަހަރެންނާއި އަހަރެންގެ ބޭބެގެވެސް ކަމެއްނޫން …. މިއީ އަހަރެމެން ރާއްޖެ ގެނެސްގެން އުޅޭ ބޮޑުމީހާ(އަހަރެމެންގެ ބަންގާޅީ އޭޖެންޓު) ކުރުވިކަމެއް…..! އޭނަ ބޭނުން ވަނީ ދިވެހިން އަތުން ބަދަލު ހިފުމަށް…….އެއީ އެ ބޮސްގެ ދެ ކޮއްކޮއެއް ދިވެހިންވަނީ ވަރަށް އިހާނެތިގޮތަކަށް މަރާފައި……..އަހަރެން އެކަމަކު ޝާނީދެކެ ވަރަށް ލޯބިވޭ…. ޝާނީ ވީ ތަނެއް ނޭނގޭ….! ޝާނީ ގެންދިޔައީ އެ ބޮސް ……ޝާނީ އަކީ އޭނަގެ ޖިންސީ އެދުން ފުއްދަން ގެންގުޅޭ ……" ނޯޓު ކިޔައި ނިމުމުގެ ކުރިން، ކަނޑައި ވައްޓާލި ރުކެއްހެން ސަމީރާ ހުރި ތަނަށް ތިރި ވިއެވެ.
އަލިބެއަށް ހަތަރު އުދަރެސް ފެނު ޖެހުނުކަހަލައެވެ. އެވަގުތު އަލިބެމެންގެ ގެ ޢިމަރާތްކުރެވެމުން ދިޔަ ދުވަސްވަރު އެތާނގައި މަސައްކަތް ކުރަމުންދިޔަ ބަންގާޅީންގެ ތެރެއިން ދެމީހަކު ވީ ނުވީއެއް ނޭނގި ގެއްލުނު ހަނދާންވިއެވެ. އަލިބެއަށް ހިތާހިތުން ބުނެލެވުނެވެ. "އަހަރެމެން ދިވެހިންގެ އަތުން ފޭހުނު އިލޮށިގަނޑު ހެރެމުން މިދަނީ ހަމަ އަހަރެމެންގެ ލޮލަށް…."
ނިމުނީ