Last Updated: November 28, 20:34
Thursday, November 28, 2024
ޚަބަރު

އިންޑިއާއިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި

އިންޑިއާ ސަފީރު ރައީސް އަށް ފަތްކޮޅު އަރުވަނީ - ފޮޓޯ: ރައީސް އޮފީސް

ކޮންމެހެން އިންޑިއާއަށް ޒިޔާރަތްކުރަން މަޖްބޫރުވާ ފަރާތްތަކުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން ވިސާ ނެގުމަށް އިންޑިއާ ސަރުކާރުން އެދިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިރޭ ބުނީ މުޅި ދުނިޔޭގައި ބާރުކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަކީ ޕެންޑެމިކް އެއްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމުމާ ގުޅިގެންނާއި، އެ ވައިރަސް ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނާތީ އިންޑިއާ ސަރުކާރުން އެ ޤައުމަށް ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމަށް ނިންމާ އެކަން އިއުލާން ކޮށްފައިވާ ކަމަށެވެ.

"އިންޑިއާ އަކީ ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމަކަށްވެފައި، އަދި ޚާއްޞަކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ޚިޔާރުކުރާ އެއް ޤައުމުކަމަށްވާތީ، ކޮންމެހެން އިންޑިއާއަށް ޒިޔާރަތްކުރަން މަޖްބޫރުވާ ފަރާތްތަކުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން ވިސާ ނެންގެވުމަށް އިންޑިއާ ސަރުކާރުން އެދިވަޑައިގެންފައިވެއެވެ." ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، އިންޑިއާއަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މި ޚިދުމަތް ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، ދިވެހި ރައްޔިތުންނަށްވެސް އިންޑިއާއަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އިންޑިއާގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި އިންޑިއާށް ދަތުރުކުރާ ފަރާތްތަކުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން، ނުވަތަ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރެޖިސްޓަރ ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.