ކޮވިޑް19 އާ ގުޅިގެން ތިންވަނަ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ކުރިން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އއ. ވެލިދޫ ރިސޯޓު ބޭނުން ކުރަން ނިންމައިފިއެވެ.
މި ރިސޯޓަކީ މީގެކުރިންވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ސަރުކާރަށް ލިބިފައިވާ ރިސޯޓެކެވެ. މި ރިސޯޓަކީ މިދިޔަ އަހަރުގެ ފަހުކޮޅާއި ޖެހެންދެން ހިންގަމުން ދިޔަ 100 ކޮޓަރީގެ ރިސޯޓެކެވ. ނަމަވެސް މި ދުވަސްކޮޅުު މި ރިސޯޓު އޮތީ ހުއްޓިފައެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެރަށަކީ 2019ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ހިންގަމުން އައި ރިސޯޓެއް ކަމަށެވެ. ނަމަވެސް މިވަގުތު އެ ރިސޯޓު އޮތީ ހުއްޓިފައެވެ. އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓު ޓޫރިޒަމް މިނިސްޓްރީއަށް ކުރިޔަށް އޮތް ހަމަސް ދުވަހު ބޭނުން ކުރުމަށް ލިބިފައިވާ ކަމަށެވެ.
ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރުވެސް އަންނަނީ ފަރުކޮޅު ފުއްޓާ ވިލިވަރު ބޭނުން ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އެރަށުގައި 30 ކޮޓަރީގެ ކަރަންޓީން ފެސިލިޓީއެއް ސަރުކާރު ކުންފުނިތަކާއި ގުޅިގެން ގާއިމްކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް 10 މީހުން ވަނީ ފެނިފައެވެ. އެންމެ ފަހުންވެސް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުގެ މީހެކެވެ.