އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފުރުސަތު ލިބިއްޖެނަމަ ބޭނުންވަނީ ރަނިންމޭޓަކަށް އަންހެނަކު ނެރެން ކަމަށް ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
މީގެ ނުވަ މަސް ކުރިން 20 ކެންޑިޑޭޓުންނާއެކު ފެށި ޑިމޮކްރެޓް ޕާޓީގެ ޕްރައިމަރީ ބަހުސް މިހާރު ވަނީ އެންމެ ދެ ކެންޑިޑޭޓުންނަށް މަދުވެފައެވެ. އެއީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ޖޯ ބައިޑެންއާ މީގެ ހަތަރު އަހަރު ކުރިން ހިލަރީ ކްލިންޓަންއާ ޑިމޮކްރެޓް ޓިކެޓަށް ވާދަކުރި ބާނީ ސޭންޑާސްއެވެ.
ކޮވިޑް-19 ގެ ސަބަބުން ރޭގެ ބަހުސް އެއްވެސް ސަޕޯޓަރަކާ ނުލާ ކުރިއަށް ގެންގޮސްފައިވާއިރު ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކުރެވިގެން ގޮސްފައެވެ.
މިހާތަނަށް ގިނަ ސްޓޭޓުތަކުގައި ނެގި ވޯޓުން ކުރި ލިބެނީ ބައިޑަން އަށެވެ. އޭނާ ވަނީ ބޮޑެތި ސްޓޭޓުތަކުން މެޖޯރިޓީ ހޯދައި، ކުރިން ވާދަކުރި ކެންޑިޑޭޓުންގެ ތާއީދު ވެސް ހޯދާފައެވެ.
އޭނާ ވަނީ ރިޔާސީ ޓިކެޓު ކާމިޔާބު ވެއްޖެނަމަ އިންތިޚާބަށް ނިކުންނާނީ އަންހެން ރަނިންމޭޓަކާއެކު ކަމަށް ބުނެފައެވެ. ސޭންޑާސް ވެސް ވަނީ އެކަމަށް ތާއީދު ކުރާ ކަމަށް ބުނެފައެވެ. ނަމަވެސް ސީދާ އެއްބަހެއް ނުވެއެވެ.
ކޮރޯނާ ވައިރަސް ހިފެހެއްޓުމަށް ބޭރުގެ މާހިރުންނާ ގުޅިގެން ހޮސްޕިޓަލްތައް އިތުރަށް ފެންވަރު ރަނގަޅު ކުރުމަށާއި ޓެސްޓުތައް ހުރިހާ ސްޓޭޓެއްގައި ކުރެވޭ ގޮތް ހެދުމަށް ދެ ކެންޑިޑޭޓުން ވެސް ވަނީ ގޮވާލާފައެވެ.
އަދި ދެބޭފުޅުންނަކީ ވެސް އުމުރުން ދުވަސްވެފައިވާ މީހުން ކަމަށްވާތީ ކެމްޕޭނު ހަރަކާތްތަކާއި ރެލީތައް މަޑުޖައްސާލައި މީހުންގެ ތެރެއަށް ނިކުތުން މަދުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
މިހާތަނަށް ނެގި ވޯޓުން ބައިޑެން ވަނީ 890 ޑެލިގޭޓުން ކަށަވަރުކޮށްފައެވެ. ސޭންޑާސް އަށް ކަށަވަރު ވެފައިވަނީ 736 ޑެލިގޭޓުންނެވެ.