ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ހިނގާދިޔަ ހާދިސާތަކުގައި ނުކިޔަމަންތެރިކަން ދެއްކި ފުލުހުންގެ މައްސަލަތައް ބެލޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ފުލުހުންގެ މުއައްސަސާގައި ތިބި ބައެއް ފުލުހުން ކަމަށެވެ. އިންތި ވިދާޅުވީ ފުލުހުންނާ މެދުގައި ރައްޔިތުންގެ އިތުބާރު އުފައްދަން ބޭނުންވާ ކަމުގައިވާ ނަމަ އެ އަނިޔާތަކާއި ގެއްލުން ދިވެހި ދައުލަތަށް ދިން ފުލުހުން ކޮބައިތޯއާ މިއަދު ވެސް އެ މުއައްސަސާތަކުގެ ތެރޭގައި އެބަ ތިބިތޯ ބަލާ އެ ސުވާލުތަކަށް ރައްޔިތުންނަށް ޖަވާބު ދޭންޖެހޭނެ ކަމަށެވެ.
"މި ސުވާލަށް ޖަވާބު ލިބިގެން މެނުވީ އަޅުގަނޑުމެންނަށް ފުލުހުންގެ މުއައްސަސާއަށް އިތުބާރު ކުރެވޭނެ ގޮތެއް ނެތް،" އިންތި ވިދާޅުވިއެވެ.
އިންތި ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި އޭރު ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމުނު ދުވަހުގައި ފުލުހުންގެ ނުކިޔަމަންތެރިކަން ހައްދު ފަހަނައަޅާ ދިއުމާ ގުޅިގެން މިހާތަނަށް އެއްވެސް ތަހުގީގެއް ކުރެވިފައި ނުވާ ކަމަށެވެ.
މި ވަގުތު ވެސް ފުލުސް އޮފީހުގެ ތެރޭގައި ނުކިޔަމަންތެރިކަން ދެއްކި މީހުން ފުލުހުންގެ ގޮތުގައި ތިބިތޯ، އަދި އޭރުގައި އެ ނުކިޔަމަންތެރިކަން ދެއްކި މީހުނަކީ ކޮބައި ކަން، މަޖިލީހުގެ ގަވާއިދު ސާފުކޮށް ޖަގާ ދޭ ގޮތުގައި ބިލު ކޮމިޓީގައި މަސައްކަތް ކުރާއިރު ވަކިވަކި ފުލުހުންނާ ގުޅޭ ގޮތުން އެ ތަހުގީގެއް ކުރެވޭނެ ކަމަށާއި އެއީ މެންބަރުންނަށް ލިބިދޭ ބާރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސްގެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.