ދެހާސް އެގާރަ ވަނަ އަހަރު ސާރކް ސަމިޓް އައްޑޫގައި ބާއްވަން ނިންމުމުން އެކަމާ އަޅުގަނޑު ވަރަށް އުފާ ކުރީމެވެ. ނަމަވެސް އޭރު ވެސް އެކަމާ ދެކޮޅު ހެދި ބަޔަކު އުޅުނެވެ.
ރާއްޖެ އިޤްތިސާދީ ގޮތުން ނާޒުކު ހާލަތެއްގައި އޮއްވާ އެހާ ބޮޑު ޙަރަދެއްކޮށް ސާރކްސަމިޓް އައްޑޫގައި ނުބޭއްވުމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ. އަދި އައްޑޫ އަށް ނިސްބަތްވާ މީހުންވެސް ސަމިޓް އައްޑޫގައި ބޭއްވުމާ ދެކޮޅު ހަދަމުން ދިޔައެވެ. މިފަދަ މީހުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ވާހަކަ ދެއްކި އެކަކަށް އަޅުގަނޑު ވާނެ އެވެ.
ސާރކް ސަމިޓް ގައި އަޅުގަނޑު އަދި އަޅުގަނޑުގެ އެކުވެރީންނަށް ވެސް ހަރަކާތްތެރި ވުމުގެ ފުރުސަތު ލިބުނެވެ. އަދި ވަރަށް ކައިރިން ބައެއް ކަން ކަން ބަލާލުމުގެ ފުރުސަތު ލިބުނެވެ. މިގޮތުން ސާރކްސަމިޓަށް ގެނައި ބައެއް އަގު ބޮޑު ވެހިކަލް ތަކުގައި ދަތުރުކޮށްލުމުގެ ފުރުސަތުވެސް ލިބުނެވެ. ކޮންމެ އަކަސް ސާރކްސަމިޓް ބޭއްވުނުތާ މިހާރު 2 އަހަރު މިވަނީ އެވެ.
ސާރކްސަމިޓަށް ޙަރަދު ކުރި ގޮތުގެ އޮޑިޓް ރިޕޯރޓް މިހާރުވަނީ އާންމުކޮށްފައެވެ. މި ރިޕޯޓް ކިޔާލުމުން ފުރަތަމަވެސް ލޮލޮގައި އަޅައިގަތް އެކައްޗަކީ އަޅުގަނޑުވެސް ކުރިން ރީތި ވެގެން އުޅުން ކާރުތައް ގަންނަން ސަރުކާރުން ކޮށްފައިވާ ޙަރަދުތަކެވެ.
ތަފާތު ވައްތަރުގެ 86 އެއްގަމު އުޅަނދު ގަންނަން ދައުލަތުގެ ބަޖެޓުން ވަނީ 53 މިލިއަން ހަލައްކަ ފަސްދޮޅަސް ފަސް ހާސް ހަތަރުސަތޭކަ ފަންސާސް ފަސް ރުފިޔާ (53,665,455.00) ޙަރަދުކޮށްފައެެވެ. މި ކާރުތަކުގެ ތެރޭގައި 10 މާރސިޑީޒް ބެންޒް ކާރާއި ޓޮޔޯޓާ އޭލިއޮން ބްރޭންޑްގެ 24 ކާރު ހިމެނެއެވެ. އަދި އޭގެ އިތުރަށް ތަފާތު އެހެނިހެން 52 އުޅަނދު ގަނެފައިވެއެވެ. 53 މިލިއަން ރުފިޔާއަކީ މަދު އަދަދެއް ނޫނެވެ.
ހަމައެކަނި ދެ ދުވަހުގެ ހަރަކާތަކަށްޓަކައި ދައުލަތުގެ މާލިއްޔާތަށް ނުކަތާވަރަށް ކޮށްފައިވާ މި ޙަރަދަކީ ހަމަ ބޭކާރު ޙަރަދެކެވެ. އެ އުޅަނދުތަކަކުން އާމްދަނީ ގެ ގޮތުގައި އެއްވެސް އެއްޗެއް ދައުލަތަކަށް ނުލިބޭނެ އެވެ. އެއީ އުފެއްދުންތެރި ކަމެއްނެއް ކަމަކަށް ކޮށްފައިވާ ޙަރަދެކެވެ. އަދި އެ ފައިސާ އެއީ މި ޤައުމަށް އެއަށް ވުރެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމަށް ޙަރަދު ކުރެވިދާނެ ފައިސާއެވެ.
މިސާލަކަށް ބަލާނަމަ މަސްތުވާތަކެތީގެ މައްސަލައެއީ މި ޤައުމަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް ވަބާއެވެ. 2011 ވަނަ އަހަރު ސަރުކާރުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމަށާއި މަސްތުވާތަކަތީގެ ވިޔަފާރި ހުއްޓުވުމަށް ހޭދަކޮށްފައި ވަނީ އެންމެ 14 މިލިއަން ރުފިޔާއެވެ. ދެން މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެކަމަށް ޙަރަދު ކުރަނީ ކިހާވަރެއްތޯ ބަލާލަމާ ހިނގާށެވެ.
2012 ވަނައަހަރު މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ "ފްރީޑަމް" އިން ކުރި ސާވޭ އަކުން ދައްކާގޮތުގައި އައްޑޫސިޓީގެ ހިތަދޫ އަވަށުގައި އެކަނި މަސްތުވާތަކެތި ބޭނުން ކުރާ 612 މީހުން އެބަ ތިއްބެވެ. އެއީ ކަނޑައެޅިގެން ބޭނުން ކުރާކަން ޔަޤީންވާ މީހުންނެވެ. އެ އަދަދު އެއަށްވުރެވެސް ގިނަވާނެ ކަމަށް ލަފާކުރެވެއެވެ. އެއިން ކޮންމެ މީހަކު ދުވާލަކަށް މަސްތުވާތަކެއްޗަށް 200 ރުފިޔާ ޙަރަދު ކުރާކަމަށް ބެލި ކަމުގައި ވިޔަސް އަހަރަކު 44 މިލިއަން ރުފިޔާ މަސްތުވާތަކެއްޗަށް ދާނެ އެވެ. މި ދައްކަނީ އައްޑޫގެ އެންމެ އަވަށެއްގައި ތިބި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ވާހަކައެވެ.
ކަން މިހެން އޮތް އިރުވެސް މިކަމަށް ސަރުކާރުން ޙަރަދު މި ކުރީ އެންމެ 14 މިލިއަން ރުފިޔާއެވެ. އެއާ ހިލާފަށް މަދު ބައެއްގެ އުފާލާ އަރާމަށްޓަކާ ބޭކާރު ބޮޑެތި ޙަރަދުތައް މިވަނީ ކޮށްފައެވެ. ރައްޔިތުންގެ ލާރިން މިފަދަ ޙަރަދުތައް ކުރާއިރު މި ކުރެވެނީ ކިީއްކަން ވިސްނާލަން އެބަޖެހެއެވެ. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ކޮން ކަންތައްތަކެއް ތޯ ބަލަން ޖެހެއެވެ.
ހަމަ ގައިމުވެސް، ދައުލަތުގެ ވެރިން މާރސިޑީޒް ބެން ކާރު ދުއްވުމަށް ވުރެ ޤައުމުގެ ޒުވާނުން މަސްތުގެ ވަބާއިން ސަލާމަތްކުރުން އަޅުގަނޑަށް މާ މުހިންމެވެ.