ހަލުވިިކަމާއި އެކުގައި ކޮވިޑް19 ފެތުރެމުން އަންނަ މެލޭޝިޔާ އަންނަ ބުދަ ދުވަހުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް ލޮކްޑައުން ކޮށްފިއެވެ.
މެލޭޝިއާ ލޮކްޑައުނަކަށް ދިޔުމަށް ނިންމާފައިވާއިރު އެގައުމުން މިހާތަނަށް ވަނީ މި ބައްޔަށް 553 މީހުން ޕޮޒިޓިވް ވެފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވީ ސަރުކާރުގެ އަމާޒު މިހާރު ހުރީ މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ކަމަށާއި މިހާރު ގައުމުގައި މި ބަލި އޮތް މިންވަރަށް ބަލާއިރު ވަރުގަދަ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ހާލަތު އިތުރަށް ގޯސްވަންދެން މަޑުކޮށްލައިގެން ތިބެވޭކަށް މިހާރަކު ނެތް" ބޮޑުވަޒީރު ވިދާޅުވިއެވެ.
މިފަދަ ފިޔަވަޅެއް އެޅުމުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މިއީ މި ނުރައްކާތެރި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށްވެސް މުހިއްޔުއްދީން ވިދާޅުވިއެވެ.
ލޮކްޑައުނަކަށް ދިޔުމުން މެލޭޝިއާ އަށް މީހުން އައުމާއި މެލޭޝިއާ އިން ފުރައިގެން އެއްވެސް މީހަކަށް އެހެން ގައުމަކަށް ދިޔުންވެސް މަނާވާއިރު ސްކޫލްތަކާއި ފިހާރަތައް ވެސް ބަންދުވާނެއެވެ. ނަމަވެސް އާންމު ދިރިއުޅުމުގައި ބޭނުންވާ ތަކެތި ލިބެން ހުންނަ މާކެޓުތައް ހުޅުވިފައި ހުންނާނެ ކަމަށް މެލޭޝިއާގެ ސަރުކާރުން ބުނެއެވެ.
މެލޭޝިއާ އިން މީގެކުރިން ވަނީ އެއްވުންތަކާއި ކުޅިވަރު އިވެންޓުތަކާއި އަދި މިއަހަރު އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަންގެ ބައްދަލުވުން ވެސް ކެންސަލްކޮށްފައެވެ.
ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަށް ވެސް މި ބައްޔާއި ގުޅިގެން ލޮކްޑައުނަށް ގޮސްފައިވާއިރު، މި ބަލީގައި މިހާތަނަށް ދުނިޔެއިން ވަނީ 6،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.