ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސްގެ ސަބަބުން އިގްތިސޯދަށް އެކަމުން އަސަރުކޮށް ބޮޑެތި ވިޔަފާރިތަކަށް ލޮޅުން އަރަމުން އަންނަ މި ދަނޑިވަޅުގައި މުވައްޒަފުން ވަކި ކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ބޮޑު ބައެއް ގެއަށް ފޮނުވާލަމުން އަންނަ ކަމަށާއި މުސާރަތައް ކުޑަކޮށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ދިއުމަށް އަންގަމުންދާ ކަމުގެ ވާހަކަތަކެއް އަޑު އިވެމުންދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރިސޯޓުތަކުން މުވައްޒަފުން ވަކިކުރަން ޖެހޭ ހިސާބަށް އަދި ވިޔަފާރި ދަށަށް ނުދާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ފައިދާގެ ގޮތުގައި ވެސް މި އަހަރުގެ މިހާތަނަށް 850 މިލިއަން ރުފިޔާ ދައްކާފައިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ބިޒްނަސް ޕްރޮފިޓް ޓެކްސް ވެސް މަދު ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން ހިސާބުތައް ދައްކާ ގޮތުގައި ވިޔަފާރިތައް އަދި ދަށަށް ނުދާ ކަމަށާއި ނަމަވެސް ކުރިޔަށް އޮތް ތަނުގައި ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ،
"އެހެން ނަމަވެސް މިވަގުތު ދަށަށް ގޮއްސިކަމަށް ވިދާޅުވެ މުވައްޒަފުންނަށް ދަތިކުރުމަކީ، މުވައްޒަފުންގެ މުސާރަ ކުޑަކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ޒިންމާދާރުކަމާ އެކީގައި ކަން ކުރާ ބޭފުޅަކު ކަން ކުރައްވާނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މުވައްޒަފުން ވަކިކުރުމަކީ އެންމެ ފަހުން އަޅަން ޖެހޭ ފިޔަވަޅުކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. ރޯގާގެ ސަބަބުން ދިމާވަމުން އަންނަ ދަތިކަމުން އަރައިގަތުމަށް ކުންފުނިތަކުގެ ފައިދާ އާއި ކުންފުނިތަކުގެ ރިޒާވް އަދި އަމިއްލަ ވިޔަފާރިވެރިންގެ ފައިދާ ވެސް އިގްތިސާދަށް ގެނައުމަށް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާ މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމްގެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް މިހާރު ވަނީ ކުޑަ ކުރުމަށް ނިންމާފައެވެ. އަދި ޕެރެޑައިސް ނޫން އެހެން ހުރިހާ ރިސޯޓެއް ބަންދު ކުރުމަށްވެސް ވަނީ ނިންމާފައެވެ.