Last Updated: November 28, 12:48
Thursday, November 28, 2024
ޚަބަރު

ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖަކީ މިވަގުތު ކޮވިޑް19 ގެ ސަބަބުން ލޮޅުން އަރާފައިވާ ވިޔަފާރިތައް އަރައި ގަތުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ހުރިހާ ދާއިރާތަކަށް އިގްތިސޯދީ ލޮޅުންތައް އަރަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގެ ކޭޝްފްލޯ އަށްވެސް އަސަރު ކުރަމުންދާ ކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖަކީ ހަމަސް ދުވަހު ގްރޭސް ޕީރިއަޑެއް ދީފައިވާ ޕެކޭޖެއް ކަމަށާއި އަދި އެ ޕެކޭޖުގައި ހަ ޕަސެންޓުގެ އިންޓްރެސްޓެއް ކަނޑައަޅާފައިވާނެ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ މި ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ. 

"ވިޔަފާރިތަކުން، ސަރުކާރުން ފޯރުކޮށްދޭ ވޯކިން ކެޕިޓަލްގެ މި އެހީ ހެޔޮގޮތުގައި ބޭނުންކޮށް، ދިވެހިންގެ ވަޒީފާތައް މަދު ނުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން މިއަދު ބޭއްވި ސާކްސް ސަރަހައްދުގެ ލީޑަރުންގެ ޓެލެ-ކޮންފަރެންސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ދާދިފަހުން ވިދާޅުވެފައި ވަނީ ޓޫރިޒަމަށް މި ކުރާ އަސަރުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ބޭރު ފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މި އަހަރު މަދުވާނެ ކަމަށެވެ. ބޭރު ފައިސާގެ އާމްދަނީ ދަށްވާނަމަ އެކަމުގެ ނޭދެވޭ އަސަރު އިމްޕޯޓަށް ބަރޯސާވެފައިވާ މި ގައުމުގެ އިގުތިސާދަށް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.