ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ރިސޯޓެއްގައި މަސައްކަތް ކުރާ ދެ ދިވެހި މުވައްޒަފަކު ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިއުމުން ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލެ އަތޮޅު ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ 2 މުވައްޒަފުން ރިސޯޓުން ފުރުން މަނާ ކޮށްފައި ވަނިކޮށް، މިމަހުގެ 19 ވަނަ ދުވަހު އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އަށް ދަތުރުކޮށް، އިއްޔެ ރޭގެ ފްލައިޓުން ފުވައްމުލަކު ސިޓީއަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ދެމީހުން ވަނީ ފުވައްމުލަކު ސިޓީ އިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. މި މައްސަލާގަިއ ހައްޔަރު ކޮށްފަައިވަނީ އުމުރުން 29 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.