Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

މައިމޫނާގެ މެސެޖު: މިއީ މުސްތަގްބަލަށްޓަކައި ކެތްތެރިވާން ޖެހޭ ވަގުތު!

ކޮވިޑް-19 އިން ސަލާމަތްވުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކާއި ގުޅިގެން ގިނަ ދަތިތަކެއް ތަހައްމަލް ކުރަންޖެހޭނެ ކަމަށާއި، މިއީ މުސްތަގްބަލަށްޓަކައި ކެތްތެރިވާން ޖެހޭ ވަގުތުކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރައްވާފައެވެ. އަދި މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ރާއްޖެއަށް ބޭރުން އަންނަ ފަރާތްތައް ވަނީ 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައެވެ. މިނިންމުމާއި ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަންނަނީ އެކި ކަރަންޓީނު ފެސިލިޓީ ތަކުގައި ކަރަންޓީނު ކުރަމުންނެވެ.

މީގެ އިތުރުން ޓޫރިސްޓު އެއްވެސް ރިސޯޓަކަށް އެރުމާއި، ރިސޯޓުން ފޭބުން ވަނީ މަނާކުރެވިފައެވެ. އަދި ކޮވިޑް-19ގެ ބައެއް އަލާމާތްތަކަށް ޝައްކު ކުރެވޭ މީހުން އަންނަނީ އައިސޮލޭޓުކޮށް ބައެއް މީހުން ހޯމް އައިސޮލޭޓު ކުރަމުންނެވެ.

މި ކަމާއި ގުޅިގެން މައިމޫނާ ވިދާޅުވީ ކަރަންޓީނުގައި ތިބުމަކީ ގިނަ ދަތިތަކާއި ކުރިމަތިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި މިހާރު ކުރިމަތިވާ ދަތިތަކަށް މުސްތަގްބަލަށްޓަކައި ކޮޮންމެހެން ކުރިމަތިލާން ޖެހޭ ކަމަށާއި އެކަމަށް އެއްބާރުލުން ދޭން ޑިރެކްޓާ ޖެނެރަލް އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް އެޗްޕީއޭއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް އާއްމު ރައްޔިތުން ދެއްވާ އެެއްބާރުލުން ފާހަގަކޮށް މައިމޫނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއިިން ބަލި ޖެހުނު 13 މީހުން ފިޔަވައި އިތުރު މީހެއްގެ ކިބައިން ބަލި ނުފެނުނު ނަމަވެސް މިއީ މިކަން ނިމުނީ ކަމަށް ބަލައި އެޗްޕީއޭގެ އެންގުތަކާއި ހިލާފުވާންވީ ވަގުތެއް ނޫންކަމަށެވެ.