ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު އެ ބަލި މިހާރު އެންމެ ބާރަށް ފެތުރެމުންދަނީ ދުނިޔޭގެ ސުޕާ ޕަވާކަމަށް ދައުވާ ކުރާ އެމެރިކާގައި ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.
އެމެރިކާގައި ބަލި ޖެހިފައިވާ 33,889 މީހުން އެބަތިއްބެވެ. މި ބަލީގައި މިހާތަނަށް އެމެރިކާއިން 428 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާގައި ބަލި ފެތުރެމުންދާ ބާރުމިނަށް ބަލާއިރު ބަލި ކޮންޓްރޯލް ކުރުމާއި، ސިއްހީ ބައެއް ވަސީލަތްތައް މަދުވުމުގެ ބިރުވަނީ ހީވެފައެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް ވަނީ އުތުރުކޮރެއާގެ ލީޑަރަށް މިބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިވުމަށް އެދި ސިޓީއެއް ފޮނުވާފައެވެ.
އެމެރިކާގެ އެކި ސިޓީތަކުގައި މިހާރު ބަލި ފެތުރެމުންދާ ބާރު މިނަށް ބަލާއިރު ބައެއް ސިޓީތަކުން ބޭހާއި، ސިއްހީ އަވަސް ފަރުވާދޭ ސާމާން ނުލިބިދާނެ ކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ. މިގޮތުން އަންގީ އާއި ޕްރޮޓެކްޓިވް ސްވިޓްގެ އިތުރުން ވެންޓިލޭޓަރ ހަދިޔާ ކުރަށް ބައެއް މިފަދަ ސާމާން އުފައްދާ ކުންފުނިތަކުގައި ވަނީ އެދިފައެވެ.
ކޮވިޑް-19 ގައި މިހާތަނަށް އެެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީގައެވެ. އިޓަލީން މި ބަލީގައި 5,476 މީހުން ވަނީ މަރުވެފައެވެ. އަދި ބަލިޖެހިފައިވާ 59,138 މީހުން އެބަތިއްބެވެ. އިޓަލީންވެސް ބަލި ކޮންޓްރޯލް ނުކުރެވޭއިރު މި އަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށް ސިއްހީ ތަޖްރިބާ ކާރުން ދަނީ ބުނަމުންނެވެ.
މި ބަލި ޖެހިފައިވާ މީހުން ހިމެނޭ ގައުމުތަކަށް ބަލާއިރު މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ ޗައިނާ މީހުންނަށެވެ. އޭގެ ފަހުން އިޓަލީއެވެ. މިރޭހުގެ ތިން ވަނަ އަށް އެމެރިކާ އަރާފައިވަނީ މިދިޔަ ހަތަރު ދުވަހެއްގެ ތެރޭގައި އެގައުމުގައި ބަލި އާދަޔާ ހިލާފަށް ފެތުރުމާއި ގުޅިގެންނެވެ.
މި ބަލީގައި މިހާތަނަށް މުޅި ދުނިޔެއިން 14,611 މީހުންވަނީ މަރުވެފައެވެ.