ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޗެނަލްް 13 އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް އަޅާފައި ވަނީ އިދިކޮޅުން އެކަންކަން ކުރުމަށް ގޮވާލުމުން ކަމަށެވެ. އެގޮތުން މިދަނޑިވަޅުގައި ސަރުކާރަށް ފާޑުތައް ކިޔަމުން ދަނީ އަދި ކަންކަން ކުރުމަށް ގޮވާލަމުން ދަނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށާއި އެއީ ސަރުކާރު ޒިންމާދާރު ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލީ ވެސް އިދިކޮޅު ފަރާތްތަކުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކަ އަކީ އަޅުގަނޑުމެން މިކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތޭ. ޒިންމާދާރުކަމާ އެކީގައޭ މިކަން މި ކުރަނީ. އެއްވެސް ހާލެއްގައި މިއީ ފިތުނަ އުފައްދާކަށް ކުރާކަމެއް ނޫނޭ،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ކުރަން ޖެހި ނުކޮށް އޮތް ކަމެއްގެ ގޮތުގައި އަދުރޭ ވިދާޅުވީ ހާލަތާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ދެއްވަން ރައީސް އިބްރާހީމް ސޯލިހު ނުކުމެވަޑައިގަތުން ކަމަށެވެ. އެހެން ގައުމުތަކުގައިވެސް މައުލޫމާތުތައް ފޯރު ކޮށްދެއްވަނީ އެގައުމެއްގެ އެންމެ މަތީ ވެރިޔާކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ ރާއްޖޭގައިވެސް އެ މައުލޫމާތު ދެއްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މި މަހުގެ 12ވަނަ ދުވަހުއެވެ. އަދި އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުރިން ބޭއްވުމަށް އޮތް ކައުންސިލް އިންތިހާބުވެސް ފަސް ކުރުމަށާއި މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސް ކުރުމަށްވެސް އެންމެ ފުރަތަމަ ގޮވާލީ އިދިކޮޅު ފަރާތްތަކުންނެވެ. އެއަށްފަހު އިލެކްޝަނުން ވަނީ އެކަން އެގޮތަށް ކުރުމުގެ މަސައްކަތް ކުރަން ފަށާފައެވެ.