ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން މާދަމާ ރޭއިން ފެށިގެން އިންޑިއާގެ އެތެރޭގެ އުދުހުންތައް ހުއްޓާލަން އެގައުމުން ނިންމައިފިއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަންގެ ތަރުޖަމާނު ވިދާޅުވީ އެތެރޭގެ އުދުހުންތައް މާދަމާރޭ 23:59 އިން ފެށިގެން ހުއްޓާލާއިރު ވަކި މުއްދަތެއް އަދި ނިންމާފައި ނުވާކަމަށެވެ. އިންޑިއާގެ އެތެރޭގެ އުދުހުންތައް ހުއްޓާލުމަށް ނިންމި އިރު މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އިންޓަނޭޝަނަލް ބޯޓުތައް ޖެެއްސުން އެގައުމުން ވަނީ މަނާކޮށްފައެވެ.
އިންޑިއާގައި ކޮވިޑް-19 ފެތުރެމުން އަންނަ ވެރިރަށް ނިއުދިއްލީ އާއި، މުމްބާއީ، އަދި ބޮޑެތި ހުރިހާ ސިޓީތައް ހިމެނޭ ގޮތަށް 80 އަށް ވިރެ ގިނަ ސިޓީ މިހާރު ވަނީ ބަންދުކޮށްފައެވެ. މި ބަންދު ކުރުމާއި އެކު ރޭލްވޭ ދަތުރުތަކާއި، މެޓްރޯ އަދި އެއް ސިޓީން އަނެއް ސިޓީއަށް ދަތުރު ކުރާ ހުރިހާ ދަތުރުތަކެއް ވަނީ މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް ހުއްޓާލާފައެވެ.
އިންޑިއާ ގައި ކޮވިޑް-19 ޖެހިފައިވާ 433 މީހުން ތިބި އިރު މި ބަލީގައި އެގައުމުން މިހާތަނަށް ވަނީ 7 މީހަކު މަރުވެފައެވެ.
އިންޑިއާގެ ހެލްތު އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި މިހާތަނަށް އެގައުމުން 18،000އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޓެސްޓު ކުރެވިފައެވެ.
ބައެއް ސިއްހީ މާހިރުން ބުނާ ގޮތުގައި އިންޑިއާގައި މި ބަލި ފެތުރިއްޖެ ނަމަ ގިނަ ބަޔަކު މި ބަލީގައި މަރުވާނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ އިންޑިއާއިން ކޮވިޑް-19 އާއި ދެކޮޅަށް އަޅާ ފޮޔަވަޅުތައް ލަސްކަމަށް ބުނެ އިންޒާރުދީފައެވެ.