މުޅި އިޓަލީ ލޮކްޑައުން ކުރުމާއި އެކު އިޓަލީން ކޮވިޑު-19 ޖެހޭ ނިސްބަތާއި މަރުވާ ނިސްބަތް މަދުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
ރިޕޯޓު ދައްކާ ގޮތުގައި އިއްޔެ އެގައުމުން ބަލީގައި މަރުވެފައިވަނީ އޭގެ ކުރީ ދުވަހަށްވުރެ މަދު ބައެކެވެ. މިދިޔަ ހޮނިހިރު ދުވަހަކީ މިހާތަނަށް މުޅި ދުނިޔެއިންވެސް މިބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިޓަލީގައި އެދުވަހު ވަނީ 793 މީހުން މަރުވެފައެވެ. ނަމަވެސް އާދީއްތަ ދުވަހު މަރުވެފައިވަނީ 651 މީހެކެވެ.
އިޓަލީގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެން ފެށުމާއި އެކު މީގެ ދެ ހަފްތާ ކުރިން ވަނީ މުޅި ގައުމު ލޮކްޑައުންކޮށްފައެވެ. އަދި މީހުން ގެއިން ބޭރަށް ނިކުތުން މަނާކޮށް ހަރުކަށި ފިޔަވަޅު ވަނީ އަޅާފައެވެ.
އިޓަލީން ކޮވިޑް-19 ގައި މިހާތަނަށް 5560 މީހުން މަރުވެފައިވާއިރު ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 60،000 އަށް ވުރެ މަތީގައެވެ،
ސިއްހީ މާހިރުން ބުނާ ގޮތުން އިޓަލީ ލޮކްޑައުން ކުރުމާއި ގުޅިގެން ބަލި ފެތުރޭ މިންވަރު ވަނީ މަދު ކުރެވިފައެވެ. ނަމަވެސް އަދިވެސް ބައެއް މީހުން ގެއިން ބޭރަށް ނިކުމެ އުޅޭތީ ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑެވެ.
އިޓަލީގައި މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ލޮމްބާޑީގެ މަގުތަކަށް އަދިެވެސް ބައެއް މީހުން ނިކުމެ އުޅޭތީ ސަރުކާރުން ވަނީ އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އައުޓްޑޯ ޖިމް ފަދަ ތަންތަނަށް ދިއުންވެސް ވަނީ މަނާކޮށްފައެވެ.
ކޮވިޑް-19 އިޓަލީގައި ފެތުރިގެން ގޮސްފައިވަނީ އެގައުމުގެ ސަރުކާރުން އެންގި އެންގުންތަކަށް ރައްޔިިތުން ބޯނުލެބުމުގެ ސަބަބުންނެވެ. އެއާއި އެކު ގިނަ ބަޔަކަށް ބަލި ޖެހި ސިއްހީ ފަރުވާދޭ ތަންތަން ފުލްވެ އެތައް ބަޔަކަށް ފަރުވާ ނުދެވި އެމީހުން ވަނީ މަރުވެގެން ގޮސްފައެވެ.