ނުރައްކާތެރި ކޮވިޑް19 ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީ އަރަބިއްޔާގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާތީ އެކަމަށް ދިވެހިން ސަލާމަތްވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މުޅި ދުނިޔޭގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސައުދީ އަރަބިއްޔާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިރެއިން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް، ރޭގަނޑު 19:00 އިން ހެނދުނު 06:00 އަށް، އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކާފިއު އެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
ވީމާ، އެ ދުވަސްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އަދި މިވަގުތު އެގައުމުގައި ތިބި ދިވެހިން އެކަމަށް ސަމާލުވުމަށް އެދެމެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދޭ ކަމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށާއި އެގޮތުން، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓާ ކުރުމަށް އެދޭ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް [ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް] ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ އެ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެދޭ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.