ރާއްޖެއިން ދިޔަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މަންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފެލައިނީ އާއި 20 މީހަކު ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ 20 މީހުންގެ ތެރެއިން 15 މީހަކީ އެމްއޭސީއެލްގެ ސްޓާފެއް ކަމަށެވެ. އަދި ފަސް މީހުންނަކީ ރީތި ރަށުގެ މުވައްޒަފުން ކަމަށެވެ. މަބްރޫކް ވިދާޅުވީ ފެލައިނީއާ ރީތި ރަށުން ޑައިރެކްޓު ކޮންޓެކްޓުވި ފަސް މީހުން ރީތި ރަށުގައި އެކަހެރިކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ފެލައިނީއާ ޑައިރެކްޓު ކޮންޓެކްޓުވި 20 މީހުންގެ ތެރެއިން ދެ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވުމުން އެ ދެމީހުން ޓެސްޓު ކުރި ކަމަށާއި ނަމަވެސް އެ ދެ މީހުންވެސް ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން ފެލައިނީއާ ކޮންޓެކްޓުވި މީހުން ދިރިއުޅޭ ގެތަށްވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ދެ ގެއަކީ ފެލައިނީއާ ކޮންޓެކްޓުވި ބައެއް މީހުން ދިރިއުޅެމުން އަންނަ ގެތައް ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.