މިއަހަރުގެ މެއި އަދި ޖޫން ގައި ބާއްވާ އެޑެކްސެލް އޭލެވެލް އިމްތިހާނު އޮކްޓޯބަރު އަދި ނޮވެމްބަރު މަހަށް ލަސްކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަން ޖެހުމުގެ ސަބަބުން މިއަހަރުގެ މެއި އަދި ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަނޭޝަނަލް އޭ ލެެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލްތައް ބަންދުކޮށްފައިވާތީ އެޔުނިވަރސިޓީން ބާއްވާ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތްކަމަށް ކެމްބްރިޖް ޔުނިވާސިޓީން ބުނެއެވެ. އެގޮތުން ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާން ނުބާއްވާނެކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
އެޑިއުކޭޝަނުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައިވެސް އެޑިއުކޭޝަނުން ވަނީ އޭ ލެވެލް އިމްތިހާނާއި ގުޅިގެން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އިނގިރޭސިވިލާތުން ވަނީ އެ ގައުމުގައި ކޮވިޑް19 ފެތުރެމުން ދާތީވެ އިމްތިހާނު ފަސްކޮށްފައިވާ ކަމަށް މީގެކުރިން އިއުލާން ކޮށްފައެވެ.