ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ މި ބަލީގެ ނުރައްކާ ވަރަށް ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރުދީފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވީ ބަލި ޖެހޭ މިންވަރު ވަރަށް ބޮޑަށް ހަލުވިވެފައިވާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ގައުމުތަކުން ހަރުދަނާ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ ގޮވާލާފައެވެ.
ދުނިޔޭގައި ކޮވިޑް-19 ފެތުރޭ ބާރުމިނަށް ބަލާއިރު މިބަލި 100،000 މީހުންނަށް ޖެހެން 67 ދުވަސް ނެގި އިރު 200،000 އަށް މީހުންނަށް ބަލި ޖެހިފައިވަނީ 11 ދުވަހުންނެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ އަދަދު 300،000 އަށް އަރާފައިވަނީ އެންމެ ހަތަރު ދުވަހުންކަމަށް ޑަބްލިއުއެޗްއޯން ވަނީ ފާހަގަކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ވީހާވެސް ގިނަ ބަޔަކު ބައްޔަށް ޓެސްޓު ކުރުމަށް އެދިފައެވެ. އަދި ގިނަ މީހުން އެއްތަން ނުވުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުންވެސް ސިއްހީ ވަސީލަތްތައް މަދުވުމާއި، ސިއްހީ މާހިރުން މި ބަލީގައި މަރުވާ އަދަދާއި މެދު އެ އިދާރާއިން ވަނީ ކަންބޮޑުވެފައެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 360،630 އަށް އަރާފައިވާ އިރު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 16,093އަށް އަރާފައެވެ. މި ބަލީގައި މަރުވި މީހުން އިތުރުވެފައިވަނީ ބަލި ފެތުރޭ ނިސްބަތް ކުއްލިއަކަށް އިތުރުވެފައިވާ ވަގުތުގައެވެ.