ކޮވިޑް-19 ވައިރަސް ރާއްޖެއިން ވެސް މިހާރު ފެނިފައިވުމާއި ގުޅިގެން އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތުތައް އެއްކުރުމަށް ގޫގުލް ފޯމެއް ގޫގުލް ފޯމެއް ފުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ފޯމުގައި އެ އުމުރުގެ މީހުން މިހާރު ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަމްބަރާއި، ދިރިއުޅުމުގެ ހާލަތާއި، އެއްވެސް ކަހަލަ ބައްޔެއް ހުންނަ ނަމަ އެބަލީގެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށް ޖެންޑާއިން ބުނެއެވެ.
ކޮވިޑް-19 ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. މިހާތަނަށް އެއްވެސް ބަޔަކަށް އެކަމާއި ގުޅޭ ފަރުވާއެއް ހޯދިފައި ނުވާއިރު ގިނަ ސިއްހީ މާހިރުން ބުނަނީ އެ ބަލީގައި އެންމެ ނުރައްކާތެރި ސްޓޭޖަކަށް ދާނީވެސް އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލި މީހުން ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވިއެވެ. އޭގެތެރެއިން ފަސް މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެ މީހުން އަދި ދޫ ނުުކުރާ ކަމަށް ސަރުކާރުން މިއަދު ބުންޏެވެ. ސަރުކާރުން ބުނީ އެމީހުން ތިބީ މޮނީޓަރިންގައި ކަމަށެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.