ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގަމުން އަންނަ އެއް ކުންފުނިކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގަމުން އަންނަ ހުރިހާ ރިސޯޓެއް ތިން މަސް ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި 8 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރަތަމަ ކޮވިޑް-19 ޕޮޒިޓިވް ކޭސް ފެނުނު ކުރެއްދޫ ރިސޯޓު ހިމެނެއެވެ. މި ރިސޯޓު އަދިވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ.
ޗަމްޕާ ގުރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގްރޫޕުން ހިންގާ ރިސޯޓުތަކުގެ ތެރެއިން 3 ރިސޯޓެއް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަ ދުވަހާއިހަމައަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބާކީ 5 ރިސޯޓު ބަންދު ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހާއި ހަމައަށެވެ.
ޗަމްޕާ ގްރޫޕުގެ ރިސޯޓުތައް ބަންދު ކުރާއިރު މުވައްޒަފުންނާއި މެދު އަމަލު ކުރާ ގޮތެއް އެކުންފުނިން ހާމަކޮށްފައި ނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދާއި، ފަތުރުވެރިކަމަށް ދިމާވެފައިވާ ހީނަރުކަމާއި ގުޅިގެން ޔުނިވާސަލް ގްރޫޕުން ހިންގާ ރިސޯޓުތައްވެސް ވަނީ ތިން މަހަށް ބަންދު ކުުރުމަށް ނިންމާފައެވެ. އަދި ވިލާ ގްރޫޕުން ހިންގާ ރިސޯޓުތައް ވެސް ވަނީ ބަންދުކޮށް މުވައްޒަފުންނަށް ނޯޓިސްދީފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރިސޯޓުތައް ބުކިން ކެންސަލް ވުމާއި ގުޅިގެން ބަންދުކުރުމަށް ވަނީ ނިންމާފައެވެ.