ކުޅުދުއްފުށި ސިޓީގައި މިހާރު ފްލޫ ކްލިނިކެއް ހުޅުވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އާދައިގެ ވައިރަލް ހުމެއް ނުވަތަ ރޯގާއެއް ނަމަވެސް ނުވަތަ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް19 ގެ އަލާމާތެއް ފެނުނު ނަމަވެސް އަވަސް ފަރުވާ ދޭ ތަންތަނުގެ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފްލޫ ކްލިނިކު ހުޅުވުމުގެ ޕްރޮގްރާމުގެ ދަށުން އެ ސިޓީގައިވެސް ފްލޫ ކްލިނިކެއް ހުޅުވީ ކަމަށެވެ.
އެތަނުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ފަރުވާދޭއިރު މެންދުރު 1:00 އިން ހަވީރު 4:00އާ ހަމައަށް ފަރުވާ ދެމުން ގެންދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެތަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ކައިރީގައި އަލަށް ހަދާފައިވާ އާ އިމާރާތުގައި ކަމަށެވެ.
ކުޅުދުއްފުށީގައި ފްލޫ ކްލިނިކެއް ހުޅުވާފައިވާއިރު ދާދިފަހުން އައްޑޫ ސިޓީގައި ވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ. މީގެއިތުރުން ފުވައްމުލަކު ސިޓީގައި ފްލޫ ކްލިނިކެއް ހުޅުވާފައިވާއިރު މާލޭ ސެނެހިޔާގައި ހުޅުވާފައިވާ ފްލޫ ކްލިނިކާއި ސިނަމާލެ ހުސްބިމުގައި ހުޅުވާފައިވާ ޓްރެވަލް ކްލިނިކް، ވިލިމާލޭގައި ވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ. ހަމައެއާއެކުގައި ބިދޭސީންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ.