ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކޮށްފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިރޭ އިންޑިއާ ގަޑިން 8 ޖެހި އިރު ގައުމާއި މުޙާޠަބުކޮށް ވިދާޅުވީ މިރޭ 12 އިން ފެށިގެން މުޅި އިންޑިއާ ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށެވެ. މޯދީ ވިދާޅުވީ މިފިޔަވަޅު އެޅުމަށް މަޖްބޫރުވީ ރައްޔިތުން ސަލާމަތަށްޓަކައި ކަމަށެވެ.
މޯދީ ވިދާޅުވީ މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި މިބަލިމަޑުކަން މައިތިރި ކުރެވެން އޮތް ހަމައެކަނި ގޮތަކީ ލޮކްޑައުންކޮށް ގޭގައި އެކަހެރިވެގެން ތިބެގެން ކަމަށެވެ.
މޯދީ ވިދާޅުވީ މިބަލިމަޑުކަން އިންޑިއާގައި ފެތުރިއްޖެނަމަ އެތައް ބަޔަކަށް މި ބަލީގެ އަސަރުކޮށް މުޅި އިންޑިއާގެ އިގްތިސާދަށް މީގެ އަސަރު ފޯރާނެކަމަށެވެ. އަދި ސަރުކާރުގެ އެންގުންތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިރޭ 12 އިން ފެށިގެން އިންޑިއާގެ 1.3 ބިލިއަން ރައްޔިތުން ގޭގައި ބަންދު ކުރެވޭއިރު އެގައުމުގެ ހުރިހާ ވައިގެ ދަތުރުތަކާއި އެއްގަމު ދަތުރުފަތުރު ވަނީ ހުއްޓާލާފައެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 500 އެއްހާ މީހުން ފެނިފައިވާ އިރު މި ބަލީގައި 7 މީހަކު ވަނީ މަރުވެފައެވެ.