މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19ގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 19،000 އަށް ވުރެ އިތުރުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ ހަތަރު ލައްކައާއި ގާތްވެފައެވެ. ކޮވިޑް-19 އާއި ގުޅޭގޮތުން ގޫގުލްއިން ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 428,220 އަށް އަރާފައެވެ.
މިހާތަނަށް މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އިޓަލީންވަނީ 6,820 މީހުން ބަލީގައި މަރުވެފައެވެ. އެގައުމުގައި އަދިވެސް ބަލި ފެތުރެމުން އަންނަ އިރު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 69,176 އަށް އަރާފައެވެ.
ސްޕެއިންއިން ގިނަ ބަޔަކު މަރުވެ، ޗައިނާއިން ބަލީގައި މަރުވި މީހުންނަށް ވުރެ އިތުރުވެއްޖެ
ސްޕެއިންގައި ކޮވިޑް-19 ފެތުރޭ ސްޕީޑު މަތިވެ މިއަދު އެގައުމުން މަރުވި މީހުން ނާއި އެކު އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 3434 އަށް އަރާފައެވެ. މިއަދަކީ އެގައުމުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މިއަދު ވަނީ އެގައުމުން 738 މީހަކު މަރުވެފައެވެ.
ގިނަ ބަޔަކު ސްޕެއިންއިން މަރުވެފައިވާ އިރު އެމީހުން ވަޅުލުމުގައިވެސް އެގައުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުވަނީ މޯޗަރީތައް ފުލްވުމާއި ގުޅިގެން މެޑްރިޑްގެ ޝޮޕިން މޯލްއެއްގައި ބަހައްޓާފައެވެ.
ސްޕެއިންއިން މި ބަލި ޖެހިފައިވާ 47،610 މީހުން އެބަތިއްބެވެ.