Last Updated: November 28, 06:03
Thursday, November 28, 2024
ޚަބަރު

ކޮވިޑް-19: އިންޓަނެޓު އަގުހެޔޮ ނުކުރާ މައްސަލާގައި ޓެލެކޮމްގެ ވެރިން މަޖިލީހަށް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް - ފޮޓޯ: މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ގެ ސަބަބުން އެގައުމުތައް ލޮކްޑައުންކޮށް ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން އިންޓަނެޓު އަގު ހެޔޮ ކޮށްފައިވާއިރު ވެސް ރާއްޖެއިން އެކަން ކޮށްފައި ނުވާތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މްނެބަރު މީކާއީލް އަހްމަދު ނަސީމް އެދިވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވިދާޅުވީ ޓެލެކޮމް އޮތޯރިޓީގެ އިސް ވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހާޒިރު ކުރުމަށް އެދިވަޑައިގެންފައެވެ. އެބޭފުޅުން މަޖިލީހަށް ހާޒިރު ކޮށްދެއްވަން އެދިވަޑައިގެން ސަބަބެއްގެ ގޮތުގައި މީކާއިލް ފާހަގަކުރެއްވީ އެ އޮތޯރިޓީ އަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަކަށް ވީއިރު، އެ ހިދުމަތްތަކުން [އިންޓަނެޓު] ލުޔެއް ހޯދައިދޭން މި ހާލަތުގައި މަސައްކަތް ނުކުރާތީ ކަމަށެވެ.

މީގެ އިތުރުން އިންޓަނެޓުގެ ހިދުމަތަކީ މިވަގުތު ކޮންމެހެންވެސް ބޭނުންވާ ހިދުމަތަކަށް ވެފައިވީ ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ދެމުން ނުދާ ކަމަށް ވެސް މީކާއިލްގެ ސިޓީގައިވެއެވެ.

އިންޓަނެޓު އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަމެއް އެއް އަހަރުފުރި ދެވަނަ އަހަރުގެ ހަތަރު މަސް ނިމިގެން ދިޔައިރުވެސް މިހާތަނަށް އިންޓަނެޓު އަގު ހެޔޮ ކުރެވިފައި ނުވެއެވެ. އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް، ރައީސް އޮފީހުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ވަނީ އަންގާފައެވެ.