ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އެކަމަށް އިތުރަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ޑްރިލްއެއް މާލެ ސިޓީގައި ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން، މިއަދު ފަރިތަކުރުމެއް (ޑްރިލް) ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ހަރަކާތް ކުރިއަށްދަނީ މާލޭގެ ތިން ސަަރަހައްދެއްގައި ކަމަށެވެ. އެޗްޕީއޭ އިން ބުނީ އެ ޑްރިލް ކުރިޔަށް ދާނީ މިއަދު 12:30 އިން 3:30އަށް ކަމަށާއި އަދި އެ ހަރަކާތް ކުރިއަށް ދާއިރު އެ ހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. މި ޑްރިލް ކުރިޔަށްދާ ސަރަހައްދުތަކަކީ އެދުރުވެއްސާއި ގާކޮށްޓާއި މއ. ވިޔަނިއެވެ. މީގެކުރިންވެސް މިފަދަ ޑްރިލްއެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މުޅި ރާއްޖެއިން މިހާތަނަށް 13 މީހަކަށް މި ބަލި ޖެހިފައިވާއިރު ރާއްޖެއިން އެއްވެސް މީހަކަށް އަދި މި ބަލި ޖެހިފައެއް ނުވެއެވެ. ނަމަވެސް ޔޫއޭއީގައި ދިރިއުޅޭ ދިވެއްސަކަަށް މިބަލި ޖެހިފައިވާ ކަމަށް އެގައުމުން ރޭ ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެމީހާގެ ހާލަތު ރަނގަޅު ކަމަށް ޔޫއޭއީން މައުލޫމާތުދެއެވެ.
ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުމާއި މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން ގެންދިއުމާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ކަރަންޓީން ކުރުން ހިމެނެއެވެ. މީގެއިތުރުން 30 ދުވަހަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާން ކޮށްފައެވެ.