ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ހީނަރުކަން ކުޑަ ކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސައީދު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ހުރަސްތައް ދެނެގަނެ މިކަމުގައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އެޅުން މުހިއްމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިގްތިސޯދީ ކޮމެޓީގައި އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ. ސައީދު ވިދާޅުވީ އިގްތިސޯދަށް އަންނަމުންދާ ހީނަރުކަން ކުޑަ ކުރުމަށްޓަކައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އެޅުމަށް ނިންމި ސަބަބުތައް ސާފު ކުރުމަށް ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް ކޮމެޓީއަށް ހާޒިރު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެބޭފުޅުން އިގްތިސޯދީ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް އެދުނު ސަބަބަކީ ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކާއި މާލީ ދާއިރާތަކާއި މުޅި އިގްތިސޯދަށް ކުރާނެ އަސަރު ދެނެގަތުމަށް ކަމަށެވެ. ސައީދު ވިދާޅުވީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޔަފާރިތައް ހީނަރުވިޔަ ނުދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާ ކަން އިއުލާން ކޮށްފައިވީ ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކޮށްފައި ނުވާކަން ފާހަގަކުރައްވާފައެވެ.
ސަރުކާރުން ތައާރަފު ކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖަކީ ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަން ކުޑަވެގެން ދާނެ ޕެކޭޖެއް ކަމަށް ގަބޫލުކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސައީދު މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަނުން ވެސް ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން، ރާއްޖޭގެ އިޤްތިސާދަށް ދިމާވަމުންދާ ގެއްލުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލާ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމުގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާފައިވީ ނަމަވެސް ކަންކަން ރަނގަޅު ކުރުމުގައި އިޚްލާސްތެރި މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ދާތަން ނުފެންނަ ކަމަށާއި އެކަމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.