(ޖުލައި 20، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ނޫން ބައްޕާ. ތިހެން ނަހަދާ. މާދިންގެ ކުށަކީ ކޮބާ؟" ޝާޔާ، ސަވާދު އާއި މާދިންގެ ދެމެދަށް ވަދެ، ބާރަކަށް ބުނެލި އެވެ.
"އޭނަގެ ކުށަކީ އޭނަ ވައްކަން ކުރާތީ." ސަވާދު، ޝާޔާގެ އަތުގައި ހިފައި، ދުރުކުރުމަށް ފަހު ބުނެލި އެވެ.
ސަވާދުގެ އެ ޖުމްލަ ބުނުމާ އެކު ޝާޔާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. އަދި މަޑުމަޑުން މާދިން އާ ދުރަށް ޖެހިގަތެވެ.
މާދިން ބަސް ހުއްޓިފައި ހުރެވުނެވެ. ޝާޔާ ރޮމުން ދިޔައީ ގެއަށެވެ. ޝާޔާ މާދިން އަށް ކުރި އިތުބާރު ގެއްލިޖެކަން ޔަގީން ވުމުން ސަވާދު ވަރަށް އުފާވި އެވެ.
ނާހިލް ފެންވަރައިގެން ނިކުތީ ސިޓިން ރޫމަށެވެ. ނާހިލްގެ ސިކުނޑީގައި ވަނީ ނަދާގެ ފިކުރެވެ. ނަދާގެ ސޫރަ އެވެ. އެ ރީތި ދޮން މޫނު ދެކިލުމަށް ހިތް ތެޅެނީ އެވެ. ނާހިލް އަށް ފުރަތަމަ ނަޒަރުން ވެސް ނަދާ ދެކެ ލޯބި ވެވިއްޖެހެން ހީވާން ފަށައިފި އެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ދިމާވިޔަސް ނާހިލް ބޭނުންވީ ނަދާ އެއީ އޭނާގެ މިލްކަކަށް ހެދުމަށެވެ. އެ ހިޔާލުގައި ނާހިލް ސިޓިން ރޫމްގެ ސޯފާގައި ހުއްޓާ ސިއްސައިގެން ދިޔައީ ނާހިލްގެ މަންމަ ސަކީނާ ނާހިލް އަށް ގޮވައިލުމުންނެވެ.
"ދަރިފުޅާ ނާހިލް، އާދޭ ކާން. މިހާރު ހުންނާނީ ވަރަށް ބޮޑަށް ބަނޑުހައިވެފައެއްނު." ސަކީނާ ސޯފާ ކައިރިއަށް ހުއްޓުމާ އެކު ވަރަށް ލޯބިން ބުނެލި އެވެ.
"ނޫން މަންމާ. އަޅުގަނޑު ބަނޑުހައެއްނުވޭ." ނާހިލް ސަކީނާ އަށް ބަލައިލަމުން ބުނެލިއެވެ.
"އެންމެ ރަގަޅު." ސަކީނާ ހިނގައިގަންނަމުން ބުނެލި އެވެ.
ސަކީނާ ބަދިގެ ދޮރާއި ހިސާބަށް ދެވުނުތަނާ ސަކީނާއަށް އިވެން ވެށީ ބަޔަކު ވަރަށް ސިއްރުން ވާހަކަ ދައްކާ އަޑެވެ. އޭރު ބަދިގޭ ދޮރު ހުރީ ރަގަޅަށް ނުލެއްޕި އެވެ.
ދޮރުގެ ހުޅުވިފައިވާ ދޭތެރެއިން ސަކީނާ ރަނގަޅަށް ބަލައިލި އެވެ. ސަކީނާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ބަދިގެ ތެރޭގައި ތިބީ ސަކީނާގެ ފިރިހެނުން ޔޫސުފް އާއި ޝަރީފާ އެވެ.
ޔޫސުފް ހުރީ ޝަރީފާގެ އަތުގައި ހިފަހައްޓައިގެންނެވެ. ސަކީނާ އަށް ހީވީ ފައިން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ޔޫސުފް ހިލޭ އަންހެނެއްގެ އަތުގައި ހިފައިގެން ހުރި މަންޒަރު މިއީ ސަކިނާ އަށް ފެނުނު ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ސަކީނާ ވަނީ ޝަރީފާ ފޮނުވާފައިވާ އެތައް މެސެޖްތަކެއް ޔުސުފްގެ ފޯނުން ފެނިފަ އެވެ. އެ ފަހަރު ވެސް ޔޫސުފް ހެދީ ދޮގެވެ. ސަކީނާ ބޭނުންވީ އިތުރަށް މިކަންތައްތައް ފަޅާ އެރުމަށެވެ.
ނަމަވެސް މިއީ ފުރަތަމަ ފަހަރު ކަމުން އެ ދެ މީހުންނަށް ސަކީނާ ފުރުސަތު ދިނެވެ. ޔޫސުފް ސަކީނާ އަށް ބޭވަފާތެރިވީ ފަދައިން ސަކީނާ ބޭނުންވީ އެކަމުގެ ބަދަލު ރަގަޅަށް ޔޫސުފަށް ދޭށެވެ. ޔޫސުފަށް ލޯތްބަކީ ކިހާ ފެންވަރެއްގެ އެއްޗެއްކަން ހާމަކޮށް ދިނުމަށެވެ.
ޔޫސުފް އާއި ޝަރީފާގެ ކުޅިގަނޑު ގޯސްކުރުމަށް ސަކީނާ ބޭނުންވި އެވެ. ތިމާގެ ހަލާލު ފިރިމީހާ އެހެން މީހެއްގެ ފަރާތުން ފޮނި ބުއިމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ. ނަމަވެސް ސަކީނާ މުޅިން ތަފާތެވެ. މަޑުމަޑުން ފަހަތަށް ޖެހުމުން ސަކީނާ އެ ދިޔަ ގޮތަށް ދިޔައީ ސިޓިން ރޫމަށެވެ. ސަކީނާގެ ލޮލުން ކަރުނަ އޮހޮރުމަށް ސަކީނާ ބޭނުމެއް ނުވި އެވެ.
ނާހިލްގެ ސުވާލުތައް ގިނަ ވެދާނެތީ އެވެ. ބޭރުފުށުން ވަރަށް ހިތްހަމަ ޖެހުނަސް ސަކީނާގެ ހިތުގައި މިހާރު ވަނީ އަލިފާން ރޯވެފަ އެވެ.
"މަންމާ…ހާދަ އަވަހަށް ތިއައީ؟" ނާހިލް ސަކީނާ ފެނުމުން ސުވާލު ކުރި އެވެ.
"އާނ…މަންމަ ކުޑަކޮށް ބޮލުގަ ރިއްސާތީ ކާހިތް ކެނޑުނީ. ވެދާނެ މިއަދު ދަތުރު ކުރީމަ ވީގޮތެއް ކަމަށް ވެސް." ސަކީނާ ބޮލުގައި އަތް ޖައްސަމުން ބުނެލި އެވެ.
"ބައްޕަ ކޮބާ؟" ނާހިލް ސުވާލު ކުރި އެވެ.
"ބައްޕަ އެބަ އުޅޭ ބަދިގޭގައި ކާން. ކިހިނެތްވީ؟"ސަކީނާ ރުންކުރު ގޮތަކަށް ޖަވާބު ދިނެވެ.
"މަންމަ ބޮލުގަ ރިއްސާ ވާހަކަ ބުނަން…ޑޮކްޓަރަށް ދާން ޖެހޭނެއެއްނު." ނާހިލް ސޯފާއިން ތެދުވަމުން ބުންޏެވެ.
ސަކީނާ ބޭނުންވީ ދޮގެއް ހަދައިގެން ނަމަވެސް ނާހިލް ސިޓިން ރޫމުގައި މަޑު ކުރުމަށެވެ.
"އާދޭ މަންމަގެ ބޯ މޮޑެދޭން. ނާހިލް ވަރަށް މޮޅެއްނު ދޯ" ސަކީނާގެ މޮޅު އަވާގައި ނާހިލް ޖެއްސި އެވެ.
(ނުނިމޭ)