މާލެ އާއި ރާއްޖޭގެ ރިސޯޓުތަކުގައި ހުކުރު ނަމާއި ފަރުޟު ނަމާދުތައް ޖަމާތުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ އެންގުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވީޑް19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، މި މަހުގެ 18ވަނަ ދުވަހު މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން، އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމަށްވެސް އެ ސާކިއުލާގައި ވަނީ އެދިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ ނުވަތަ ލޮކްޑައުންއެއް ކޮށްފި ނަމަ އެރަށެއްގައިވެސް އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ދަންނަވާ ކަމަށެވެ. މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިދެއްވުމަށް ދަންނަވާ ކަމަށެވެ.
މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ވެސް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށް ނަޞޭޙަތްތެރިވާ ކަމަށާއ އަދި މިއީ މިޙާލަތަށް ރިޢާޔަތްކޮށް އެޅިފައިވާ ފިޔަވަޅެއްކަމުގައިވާތީ، މި ޙާލަތު ބަދަލުވުމުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.