ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ހުރި ނަމަވެސް ދަރިވަރުންގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް ދަރިވަރުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ގެނެސް ދެމުން އަންނަ ޓެލިކިލާސް ޕްރޮރްގާމުތައް ހުއްޓާލުމަށްފަހު އަލުން އެ ޕްރޮގްރާމުތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާދަމާ ހެނދުނު 8:00އިން ފެށިގެން 10:00ގެ ނިޔަލަށް ޓެލިކިލާސް ޕްރޮގްރާމުތައް އަލުން ޔެސްޓީވީން ދައްކަން ފަށާނެ ކަމަށެވެ.
ޓެލިކިލާސް ޕްރޮރްގާމުތައް ހުއްޓާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މި މަހުގެ 18ވަނަ ދުވަހުއެވެ. އެ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައިވަނީ މިދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ބެލެނިވެރިންނަށް ސަމާލުކަން ދެވިދާނެ ކަމަށާއި އެގޮތުން ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމާއި ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވާ ޢާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ޚިޔާލު ތަނަވަސް ކުރުމަށް ސަމާލުކަން ދެވިދާނެ ކަމަށެވެ.
ޓެލެކިލާސް ޕްރޮގްރާމުތައް ފަށާފައި ވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން ސްކޫލުތަކުގެ ކިޔެވުން އެއް ހަފްތާއަށް މެދުކަނޑާލާފައިވީ ނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުންދަރިވަރުންނަށް ފިލާވާޅު ލިބިގެން ދާނީ ޕީއެސްއެމްގެ ޗެނަލްތަކުންނާއި ޔޫޓިއުބު ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން އިން ބުންޏެވެ.
ޓެލެކިލާސް ޕްރޮގްރާމުގައި ޖުމްލަ ހަ މާއްދާގެ ފިލާވަޅުތައް ދޭއިރު މި ޕްރޮގްރާމުގައި ކޮންމެ މާއްދާއަކަށް 30 މިނެޓު ހޭދަ ކުރެއެވެ.