Last Updated: November 28, 04:25
Thursday, November 28, 2024
ޚަބަރު

ކޮވިޑް19: އެންމެ ބޮޑު ނުރައްކަލެއް އޮތީ ބިދޭސީންނަށް!

ބިދޭސީންތަކެއް ބަންގަލަދޭޝް ހައިކޮމިޝަން ކައިރީގައި ކިއު ހަދާފައި -- ފޮޓޯ / ސަން

ދުނިޔޭގައި މިހާރު ހަލުވި ކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު އެކަމުގެ އެންމެ ބޮޑު ނުރައްކަލެއް ރާއްޖޭގައި އޮތީ ބިދޭސީންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން އުޅެމުން އަންނަ ދަތި ހާލާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި ކޮވިޑް19ގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށެވެ.

ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން ދަނީ ކުދިކުދި ކޮޓަރިތަކެއްގައިކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން އެމީހުންނަށް އެ ބަލި ޖެހުމުގެ ފުރުސަތު އިންތިހާއަށް އެބަ އޮތް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެހެންކަމުން މި ބަލީގައި އެންމެ ނާޒުކު ބައެއްގެ ގޮތުގައި ބެލެވެނީ ވެސް ބިދޭސީން ކަަމށް ހިއުމަން ރައިޓްސް ވޮޗް އިން ބުންޏެވެ.

އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ސިއްހީ ހޯދުމަށް އުޅެމުން ދަނީ ވެސް ވަރަށް ދަތި ހާލުގައިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ބުނީ ގިނަ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ވަޒީފާ ދޭ ފަރާތުން ގާނޫނާއި ހިލާފަށް ހިފަހައްޓާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސިއްހީ ހިދުމަތް ހޯދަން ޖެހެނީ އަގުބޮޑުކޮށް ކަމަށެވެ.

އެ ޖަމިއްޔާއިން ވަނީ ކޮވިޑް19 އާ ގުޅިގެން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ކްލިނިކުން އެއްވެސް ލިޔެކިޔުމެއް، ހުއްދައެއް ދެއްކުމެއް ނެތި އެތަނުން ހިދުމަތް ދޭން ނިންމި ނިންމުން އެކަން ފާހަގަކޮށްފައެވެ. ނަމަވެސް ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރަނީ ހަމައެކަނި މާލެ ސަރަހައްދުގައި ނޫންކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ހުރިހާ ބިދޭސީންނަށް އެ ކްލިނިކާއި ހަމައަށް ދިއުމަކީ ދަތި ކަމެއް ކަމަށެވެ.

ރާއްޖެއިން ޖުމްލަ 17 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އޭގެތެރެއިން 15 މީހުންނަކީ ހުސް ބިދޭސީންނެވެ. އޭގެތެރޭގައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ހިމެނެއެވެ.