ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ދިގު މުއްދަތައް ބޭސް ކާ މީހުންނަށް ޑޮކްޓަރަށް ދެއްކުމަކާއި ނުލާ ބޭސް ލިބޭނެ ގޮތް އާސަންދަ ކުންފުނިން ހަމަޖައްސައިފިއެވެ.
އާސަންދަ ކުންފުނިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެގޮތަށް ބޭސް ލިބޭނެ ގޮތް އެ ކުންފުނިން ހަމަޖެއްސީ މިވަގުތު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ކަމަށެވެ. އާސަންދައިން ބުނީ އެކުންފުނީގެ ހިދުމަތްދޭ ކްލިނިކެއް ނުވަތަ ހޮސްޕިޓަލެއްގެ ތެރޭގައި ނޫން އެހެން ތަންތަނުގައި ހުންނަ ބޭސް ފިހާރަތަކުންވެސް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެ ހިދުމަށް ލިބިގެން ދާނެ ކަމަށެވެ.
ނަމަވެސް ބޭސް ދޫކުރުމުގައި އިތުރު ކަންކަމަށް ބަލާނެއެވެ. އެގޮތުން އާސަންދައިން ބުނީ ބޭސް ސިޓީއަކީ ބަލިމީހާއަށް ޑޮކްޓަރު ބޭސް ސިޓީ ދިންތާ ތިންމަސް ހަމަ ނުވާ ބޭސް ސިޓީއަކަށް ވާންޖެހޭނެ ކަމަށެވެ. އާސަންދަ ސްކީމުގެ ދަށުން ދޫކޮށްފައިވާ ބޭސް ސިޓީއެއް ނަމަ އެ ބޭސް ސިޓީއަކީ ހަމަސް ނުފުރޭ ބޭސް ސިޓީއަކަށް ވާންޖެހޭނެ ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިން ވިދާޅުވީ މި އުސޫލުގެ ދަށުން މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ބޭސް ހޯދުމަށް އެދެން ޖެހޭނެ ކަމަށާއި، އެސިޓީއަކީ ދިގު މުއްދަތަކަށް ބެސްކުރަން ޖެހޭ ކަމަކަށް ދޫކޮށްފައިވާ ބޭސް ސިޓީއަކަށް ވާން ޖެހޭނެ ކަމަށެވެ.
އާސަންދައިން ބުނީ ބޭސް ދޫކުރާނީ ބަލި މީހާގެ އައިޑީކާޑު ދެއްކުމުން ކަމަށެވެ. ދިގު މުއްދަތުގެ ބައްޔެއް ނޫން އެހެން ބައްޔަކަށް ބޭނުންކުރާ ބޭހެއް ވަގުތީ ގޮތުން ބޭނުންކުރުމަށް ޑޮކްޓަރަކު ބޭސް ސިޓީގައި ލިޔެފައި އޮތް ކަމުގައި ވީނަމަވެސް އެފަދަ ބޭހެއް ދުލެއް ނުކުރާނެއެވެ.
އާސަންދައިން ބުނީ މިގޮތަށް އަމަލު ކުރަމުން ގެންދާނީ ހަމައެކަނި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ. އަދި މި މުއްދަތުގައި ބޭސް ބަދަލުކޮށް ނުވަތަ ބައްޔަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ.