Last Updated: November 28, 04:25
Thursday, November 28, 2024
ޚަބަރު

މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ ގާނޫނާއި ހިލާފަށް: ލޭބާ ރިލޭޝަން އޮތޯރިޓީ

ޕީޖީ އޮފީސްގެ އިތުރުން ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާ ބިލްޑިންގ: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސޯދީ ހާލަތުގެ ސަބަބުން ވަޒީދާ ދޭ ފަރާތްތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުން ގެންދާތީ އެކަން ބެލި ބެލުމުން ވަޒީފާދޭ ފަރާތުން އެކަން ކުރަނީ ގާނޫނާއި ހިލާފަށް ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކުޑަކުރުމާއި، މުސާރައާއި ޢިނާޔަތް ނުދޭގޮތަށް (ނޯޕޭ ލީވްގެ ގޮތުގައި) މުވައްޒަފުން ފޮނުވާލުމާއި، ވަޒީފާއިން ވަކިކުރުންފަދަ ކަންކަން، ވަޒީފާދޭ ފަރާތްތަކުން މިދުވަސްކޮޅު ކުރަމުންގެންދާތީ، މުވައްޒަފުންގެ ޝަކުވާތައް އެ އޮތޯރިޓީއަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެކަން ބެލި ބެލުމުން ގާނޫނާިއ ހިލާފަށް މުވައްޒަފުން ވަކި ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، ސަރުކާރުން ލޯން ދޫކުރުމާއި އެނޫންވެސް ގިނަގުނަ ލުއިތައް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ އިނާޔަތް ދިނުމުގައި، މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް، މުވައްޒަފުންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީގެ ބަޔާނުގައި ބުނީ މިދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި ކަންކަން ނިންމެވުމުގެ ކުރިން، އެކަންކަމާ ގުޅޭގޮތުން އެ އޮތޯރިޓީއާއެކު މަޝްވަރާ ކުރުމަށާއި އެއްވެސް މުވައްޒަފަކާއި މެދު ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް ފިޔަވަޅު ނޭވުމަށް ދަންނަވާ ކަމަށެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީން ބުނީ ވަޒީފާދޭ ފަރާތަކުން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފައިވާނަމަ، އެފަރާތްތަކުން އެކަންކަން ނިންމި ގޮތުގެ ތަފްސީލް، އެ އޮތޯރިޓީގެ ވެބްސައިޓްގައިވާ ޝީޓް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 15ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެދޭ ކަމަށެވެ.