މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑުގެ ވަގުތުތަކުގައި އިމާރާތް ކުރުން މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ފެށިގެން ހެނދުނު 06:00 ދެމެދު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގަމުންދާ އިމާރާތް ކުރުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.
ރޭގަނޑު އިމާރާތް ކުރުން މަނާކުރިއިރު މާދަމާ މެންދުރު 12:00 އިން ފެށިގެން، މާލޭ ސަރަހައްދުގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގެ ޓޭކްއަވޭ ހިދުމަތްތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން އަންގާ ކަމަށެވެ.
މީގެއިތުރުން މާދަމާ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ. އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.
މި އެންގުންތަކަކީ ވަކި މުއްދަތެއް ނެތް ގޮތެއް އަންގާފައިވާ އެންގުންތަކެކެވެ. އެހެންކަމުން މި އެންގުންތަކަށް އަމަލުކުރުން ހުއްޓާލާނީ ކަމާބެހޭ އިދާރާއަކުން އެކަމަށް އަމަލުކުރުން ނިމުމަކަށް ގެނައިކަން އިއުލާން ކުރުމާއި އެކުގައެވެ.