ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ވީއައިއޭ ހިންގާ ކުންފުނި އެމްއޭސީއެލް އިން ވަނީ ވީއައިއޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިއްސާ ކޮށްދީފައެވެ. އެގޮތުން ވީއައިއޭ އިން ވަނީ ފަސިންޖަރުން ބޭނުންކުރާ ޓްރޮލީ ފަދަ ތަކެތި ފަސިންޖަރުން އައުމުގެ ކުރިން ހުންނަނީ ސެނިޓައިޒްކޮށް، ޑިސްއިންފެކްޓް ކޮށްފައެވެ. އަދި އެއާޕޯޓުގައި ބޭނުންކުރާ ބަސްތަކާއި ބެގެޖު ބެލްޓް ޑިސްއިންފެކްޓު ކުރާކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ. އަދި ބުނީ ޕަސިންޖަރުން އައުމުގެ ކުރިން އަބަދުވެސް އެކަންކަމަކީ އެ ކުންފުނީގެ މުވައްޒަފުން ބަރާބަރަށް ކޮންމެ ދުވަހަކުވެސް ކުރާ ކަންކަން ކަމަށެވެ.
އަދި މިހާރުގެ ހާލަތާއި ގުޅިގެން ސިއްހީ ފަރާތްތަކާއި ގުޅިގެން ވެސް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުނެެވެ. އެމްއޭސީއެލް އިން ވަނީ ކޮވިޑް19 އާ ގުޅިގެން ވަރަށް ފަހުން ވެސް އެއާޕޯޓުގެ ގިނަ ސަރަހައްދުތަކެއް ޑިސް އިންފެކްޓު ކޮށްފައެވެ.
މީގެއިތުރުން މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ކޮންމެ ރެއެއްގެ 9:00 އިން ހެނދުނު 6:00 އަށް ވީއައިއޭ ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.