Last Updated: February 6, 13:49
Thursday, February 6, 2025
ޚަބަރު

ބިލު ނުދެއްކުނަސް ފެނާއި ކަރަންޓު ނުކަނޑަން ގޮވާލައިފި

މުހަައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް

ބިލު ނުދެއްކުނަސް މި ދުވަސްވަރު ފެނާއި ކަރަންޓު ކަނޑާނުލުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގޮވާލައިފިއެވެ.

އަސްލަމް މިހެން ވިދާޅުވިއިރު ސަރުކާރުން ވަނީ އޭޕްރީލް އަދި މޭ މަހުގެ ކަރަންޓާއި ފެން ބިލު ކުޑަކޮށްދޭން ނިންމާފައެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ ކަރަންޓު ބިލުގެ 40 އިންސައްތަ އަދި ފެން ބިލުގެ 30 ޕަސެންޓު ކުޑަކޮށްދިނުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ކަރަންޓާއި ފެން ބިލު ކުޑަކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ނަމަވެސް ބިލުތައް ކުޑަކޮށްގެން ވެސް ނުދެއްކުނަސް ފެނާއި ކަރަންޓު ކަނޑާނުލުމަށް އެދޭ ކަމަށެވެ.

އަދި ކަރަންޓު ކަނޑާލައިފިނަމަ އަލުން ގުޅައިދެނީ 300 ރުފިޔާ ދެއްކުމުން ކަމަށާއި އަތްމަތި ދަތިވެގެން އުޅޭއިރު މިއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި މިފަދަ އަދަބުތައް ދެވޭ ގޮތަށް ހަދާފައި ހުންނަ ގަވާއިދުތައް ވެސް ބަދަލުކުރަންޖެހޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އަސްލަމް ވަނީ ގާނޫނަށް ބަދަލު ގެނެސްގެން ނުވަތަ ހެދޭ ގަވާއިދެއްގެ ތެރެއިން ނަމަވެސް ކުއްޔަށް ތިބޭ މީހުން މަގުމަތި ނުވާނެ ގޮތަކަށް ވެސް ކަންކަން ރާވަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓު ވެސް މި ދުވަސްވަރު ކުޑަކޮށްދޭން އަސްލަމް ވަނީ ގޮވާލާފައެވެ.