މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ސަރުކާރު ބަންދުނަމަވެސް ދޭން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި ދަނޑިވަޅުގައި ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި އެ މިނިސްޓްރީއިން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ދޭން ނިންމާފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ދިނުމަށް ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރި ނަން ފާސްކުރުމާއި ރަޖިސްޓްރީ ކުރުމާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމާއި ލޯގޯއާއި ސީލް ރެޖިސްޓްރީކުރުމާއި ޓްރޭޑްމާކް ރެޖިސްޓްރީ އަދި ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ހިދުމަތްތައް ހިމެނެއެވެ. މިި ހިދުމަތްތައް ދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 13:00އަށެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ މި ހިދުމަތްތަކުގެ އިތުރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް، މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
ކޮވިޑް19 ވައިރަހާއި ގުޅިގެން ސަރުކާރުން ވަނީ ތިން ހަފްތާއަށް ބަންދުކޮށްފައެވެ. އެއީ މިކަމުން ރައްކާތެރިވުމުގެ ގޮތުންނެވެ. ނަމަވެސް ކޮނެމެހެން ދޭންޖެހޭ ހިދުމަތްތައް ދޭނެ ކަމަށް އޮފީސްތަކުން މީގެކުރިން ވެސް ވަނީ ބުނެފައެވެ.