Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

ސިއްހީ ހިދުމަތްތެރިންނަށް ރައީސް ޝުކުރު ދަންނަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ދެކޮޅަށް ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި ސިއްހީ ޕްރޮފެޝަނަލުން ކުރަމުން އަންނަ ބުރަ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވަނީ މި ފަހުގެ ތާރީހެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާ ކަމަށެވެ.

އަދި މިއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ ޖެހިލުންކުޑަކަމާއި، ހިތްވަރުގަދަކަމާއި މަސައްކަތަށް ކުރާ ގަދަރު ހާމައަށް ފެންނަން އޮތް ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވާ އެމަނިކުފާނު ވަނީ ވަރަށް އަވަހަށް މުޅި ދުނިޔެ މި ބަލިމަޑުކަމުން މިންޖު ކުރައްވާތޯ ދުއާ ކުރައްވާފައެވެ. ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނު ދާދިފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއްވެސް މިހާރު އަޅަމުން ދަނީ ސިއްހީ ހިދުމަތްތެރިން ލަފަޔާއި އިރުޝާދާއި އެކުގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެންމެ ފަހުބަސް ވެސް އަދި އިސް ބަސްވެސް ބުނާނީ އެފަރާތްތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.