ކޮވިޑް19 އާ ގުޅިގެން މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ބަލާ ދިއުމަށް ދާ މޯލްޑިވިއަންގެ ފްލައިޓުން ބަގޭޖް އެލަވެންސްގެ ގޮތުގައި 20 ކިލޯ ލިބޭނެ ކަމަށް އެ އެއާލައިން އިން ބުނެފިއެވެ.
މޯލްޑިވިއަން އިން ބުނެފައި ވަނީ މެލޭޝިޔާ އެއްވެސް ޕަސިންޖަރެއްގެ ބެގޭޖު ކަނޑައެޅިފައިވާ 20 ކިލޯއަށްވުރެ ބަރުވެއްޖެ ނަމަ ބަރުވާ ކޮންމެ ކިލޯއަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ނުދައްކައިފި ނަމަވެސް ބަރުވާ އެއްޗެއް ނުގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
މެލޭޝިޔާގައި ތިބި ދިވެހިން ގެނައުމަށް ރޭ 20:00އިން ފެށިގެން މިއަދު ހެނދުނު 9:00އާ ހަމައަށް ވަނީ ޓިކެޓު ވިއްކާފައެވެ. ޓިކެޓެއް ވިއްކާފައިވަނީ
6،168 ދިވެހި ރުފިޔާ އަށެވެ. އަދި މިހާރު މެލޭޝިޔާގައި ތިބި ދިވެހިން ބަލާ އަންނަ ފްލައިޓުގެ ޖާގަތައް ވަނީ ފުލްވެފައެވެ. މޯލްޑިވިއަން އިން ބުނީ އެހެން ފުރުސަތެއް ހުޅުވާލުމުން އަނެއްކާވެސް އިއުލާން ކުރާނެ ކަމަށެވެ.
މޯލްޑިވިއަން އިން ވަނީ މެލޭޝިޔާގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ދިވެހިން ރާއްޖެ ގެނެސްދީފައެވެ. މޯލްޑިވިއަން އިން އިއްޔެ ބުނީ ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ދިވެހިން ގެނެވެންދެން އެ ދަތުރުތައް ކުރަމުން ގެންދާނެ ކަމަށެވެ.