މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި އެހީވުމަށް ޓްވިޓަރ އަދި ސްކުއެއަރގެ ފައުންޑަރ އަދި ސީއީއޯ ޖެކް ޑޯރސީ 1 ބިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ. ޑޯރސީގެ ސްކުއަރ އެކުއިޓީއިން ކޯވިޑް-19ގެ ރިލީފް ޕްރޮޖެކްޓްތަކުން ބޭނުން ކުރުމަށް އޭނާ ހަދިޔާ ކުރާ މި 1 ބިލިއަން ޑޮލަރަކީ އޭނާގެ މުޅި މާލިއްޔަތުގެ %28އެވެ.
ޑޯރސީ ޓްވިޓާގައި ހާމަކުރި ގޮތުގައި ކޯވިޑް-19 ގެ ޕެންޑެމިކް ހާލަތު ނިމުމަށްފަހު، #ސްޓާރޓްސްމޯލް އެލްއެލްސީއަށް އޭނާ ލާފައިވާ މި ފައިސާއިން ޚަރަދުކުރާނީ އަންހެން ކުދިންގެ ސިއްހަތާއި ތައުލީމުގެ އިތުރުން ޔުނިވަރސަލް ބޭސިކް އިންކަމް (ޔޫބީއައި) އަށެވެ. އެގޮތުން މި ކަންކަަމަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ބޮޑު މައްސަލަތަކަށް ހައްލު ހޯދޭނެ ސަބަބުތަކެވެ. އަދި ހަމަހަމަކަން ޤާއިމުކުރުަށް އަންހެން ކުދިންގެ ސިއްހަތާއި ތައުލީމަށް އިސްކަން ދިނުމުގެ މުހިންމުކަންވެސް ޑޯރސީ ފާހަގަ ކުރިއެވެ.
މިކަމުގައި ސްޓާރޓް ސްމޯލް ލިމިޓެޑް ލަޔަބިލިޓީ ކޮމްޕެނީ ނުވަތަ އެލްއެލްސީ އެކަށް ހަދާފައިވާ ސަބަބު ބަޔާންކުރަމުން ޑޯރސީ ބުނީއެކަމުން އޭނާގެ ޝެއަރތަށް އޭނާ ޚަރަދު ކުރަން ބޭނުންވާ ކަންކަމަށް ކަނޑައެޅި، ސީދާ އެހީދޭން ބޭނުންވާ ޖަމްޢިއްޔާތަކަށް އެއިން ފައިދާ ފޯރުކޮށްދެވޭނެތީކަމަށެވެ. އަދި މިގޮތަށް ކުރެވޭ އެންމެހާ ޓްރާންސްފަރތަކާއި، ފޯރުކޮށްދެވޭފައިސާއާއި އެނޫންވެސް ތަފްސީލުތަށް ޓްރެކިންގ ޝީޓުން ފެންނަން ހުންނާނެ ކަމަށްވެސް އޭނާ ހާމަކުރިއެވެ.
އަދި މިހާ ހާމަކަން ބޮޑުގޮތެއްގައި މިކަން ކުރަމުން ގެންދަނީ އޭނާއަށާއި އެހެން ފަރާތްތަކަށްވެސް މިކަމުން އިތުރަށް ދަސްވުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުންކަމަށް ޑޯރސީ ހާމަކުރިއެވެ. އަދި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ އެކިއެކި ޖަމްޢިއްޔާތަކަށް މީގެ ކުރިންވެސް ސިއްރުން އެހީ ފޯރުކޮށްދިން ނަމަވެސް މީގެ ފަހުން އޭނަ ކުރާ ހުރިހާ ހޭދައެއްވެސް އާންމުކޮށް ފެންނަން ހުންނާނެކަމަށް އޭނާ ބުނެފައިވެއެވެ.
ޓްވިޓަރގެ ބަދަލުގައި ސްކުއެއަރ އިން އޭނާ ހޭދަކުރި ސަބަބުވެސް ޑޯރސީވަނީ ހާމަކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެއީ އޭނާއަށް ސްކުއެއަރ އިން ގިނައިން ހޭދަކުރެވެން އޮތުމުން ކަމަށާއި، ކުރިއަށް އޮތްތަނުގައި ސޭލްސް ޕޭސްކޮށްފައި ލިބޭ ފައިސާއިން ދެ ކުންފުންޏަށްވެސް ފައިދާކޮށް، އެކުންފުނިތަކުން ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީފޯރުކޮށްދެވޭތީކަމަށެވެ.
އަދި އޭނާވަނީ މިކަންކަމަކީ މިހާރު ކޮންމެހެން ކުރަންޖެހިފާވާ ކަންކަން ކަމަށާއި، މިކަމުން ވާގި ލިބިގެން އެހެން ފަރާތްތަށްވެސް ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމުގައި އަވަސްވެގަންނާނެކަމަށް އުންމީދުކުރާކަމުގައެވެ.