މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވި މީހުންގެ ތެރެއިން 200 މީހަކު މޯލްޑިވިއަންގެ އެހީގައި ރާއްޖެ ގެނެސްދީފިއެވެ.
މެލޭޝިޔާއިން ރާއްޖެ އައި މި މީހުންނަށް ރާއްޖެ އާދެވުނީ ފަތިހު 4:45 އެހާކަށްހާއިރުއެވެ. ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށްފައިވާ އެސްއޯޕީގައިވާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭނެއެވެ. އެހެންކަމުން މެލޭޝިޔާއިން އައި މި ހުރިހާ އެންމެން ވެސް 14 ދުވަހުގެ ކަރަންޓީނެއްގައި ތިބޭނެއެވެ.
މެލޭޝިޔާގައި ތިބި ދިވެހިން އެނބުރި ރާއްޖެ އައިސްފައިވާއިރު އެ ގައުމުގައި ތިބި ދިވެހި އާއިލާތަކަށް މޯލްޑިވިއަންގެ އެހީގައި ވަނީ ކެއާ ޕެކޭޖުތައް ވެސް ފޮނުވާފައެވެ. އެ ކެއާ ޕެކޭޖުތަކަށް ހަތް ޓަނުވަރު އަރާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. މީގެއިތުން މެލޭޝިޔާއަށް ދިވެހިން ބަލާ ދިޔަ މި ބޯޓުގައި ދިވެހިން ބަލައި އެ އެއާލައިނުން ވަނީ ރާއްޖޭގައި ތިބި މެލޭޝިއާގެ 30 މީހަކު ވެސް ގެންގޮސްދީފައެވެ.
މޯލްޑިވިއަން އިން ވަނީ މީގެކުރިން ލަންކާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުންގެ ތެރެއިން 100އަށްވުރެ ގިނަ މީހުން ގެނެސްދީފައެވެ. އަދި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން ވެސް 100އަށްވުރެ ގިނަ ދިވެހިން ވަނީ އެނބުރި ރާއްޖެ ގެނެސްދީފައެވެ.