Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

ހަސަން ލަތީފް ހުށަހެޅި ބިލަށް އުޝާމްގެ ފާޑުކިޔުން

ކުރީގެ ބަންޑާރަ ނާއިބުގެ ނައިބުކަން ކުރެއްވި އަދި ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމުގެ ސަބަބުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަޖިލީހަށް ހުށަހެޅި ބިލަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ފާޑު ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލަކީ މިހާރު ހިނގަމުންދާ ކައުންސިލުގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނެސް ދިނުމަށް ހުށަހެޅި ބިލެކެވެ.

އެ ބިލުގައި ބުނެފައިވަނީ މިހާރު ތިބި ކައުންސިލަރުން އައު ކައުންސިލެއް އިންތިހާބު ކުރެވެންދެން މަގާމުގައި ދެމި ތިބޭނެ ކަމަށެވެ. އެގޮތަށް އެކަން ނިންމީ ކައުންސިލް އިންތިހާބު ބާއްވަންޖެހޭ ދުވަހު ނުބޭއްވުމުގެ ސަބަބުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ ގާނޫނީ ހުސްކަމަކަށް އެ މަގާމުތައް ދާނެތީއެވެ.

އޭގައިވާ ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށްވާ އިރު، ގާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ގާނޫނުއަސާސީން ލާޒިމް ކުރާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި، އާ ކައުންސިލްތައް އިންތިހާބުވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްތައް ދެމިއޮވެގެން ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.

އެ ބިލުގައި އިތުރަށް ބުނެފައިވަނީ އެ މުއްދަތުގައި ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީއާ ގާނޫނުތަކުގައިވާ ގޮތުން މަތިން ފުރިހަމަ ބާރުވެރިކަން ލިބިގެން ނިންމާ ނިންމުންތަކެއް ކަމަށެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެ ބިލުގެ މަގްސަދަކީ ގާނޫނުއަސާސީ އިސްލާހުނުކޮށް، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިހާރުގެ ކައުންސިލުތަކުގެ 3 އަހަރުގެ ދައުރު އިތުރުކުރުން ކަމަށެވެ. ގާނޫނުއަސާސީގައި ލިޔެ ބަޔާންކޮށްފައިވާ މުއްދަތެއް ގާނޫނުއަސާސީ އިސްލާހުނުކޮށް، އާންމު ގާނޫނަކުން ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލަށް ހާއްސަ ބިލެއް ހުށަހެޅިއިރު ކައުންސިލްތަކުގެ ދައުރު ދަންމާލަށް ގާނޫނުއަސާސީއަށް ވެސް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. ނަމަވެސް ގިނަ މެންބަރުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ.