ކޮވިޑް19 އާ ދެކޮޅަށް ސާކްގެ ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ސާކް ޑިވެލޮޕްމަންޓު ފަންޑުން ފަސް މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
ސާކް ޑިވޮލޮޕްމަންޓް ފަންޑްގެ ޗީފް އެގްޒެކިއުޓިވް ސުނިލް މޮޓިވާލް ވިދާޅުވީ އެ ފަންޑުން ސާކްގެ މެމްބަރު ގައުމުތަކަށް އެހީވެ އެގައުމުގެތަކުގެ އިގްތިސޯދަށް އަންނަ ލޮޅުންތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ގައުމުތަކުގެ ފަގީރުކަން ނައްތާލައި ތައުލީމާއި ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތައް އިތުރުކޮށް ކުދި ވިޔަފާރިތައްް ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށް ސާކް އިން ބުންޏެވެ.
މި އެހީތެރިކަމުގެ މައިގަނޑު ބޭނުމެއް ކަމަށް ސުނިލް މޮޓިވާލް ވިދާޅުވެފައި ވަނީ މާލީ ގޮތުން ޤައުމުތަކަށް ލިބޭ ގެއްލުމާއި، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ކުރާ ނޭދެވޭ އަސަރު ކުރާ މިންވަރު މަދު ކުރުުން ކަމަށެވެ. ސާކުން މިހާރުވެސް ދަނީ 198 މިލިއަން ޑޮލަރުގެ 90 ޕްރޮޖެކްޓްތައް ހިންގަމުންނެވެ.
ނުރައްކާތެރި ކޮވިޑް19 ސާކްގެ 8 ގައުމަކުން ވަނީ ފެނިފައެވެ. އަދި މުޅި ޖުމްލަ މި ބައްޔަށް ސާކްގެ ގައުމުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 82،000 އަށްވުރެ ގިނައެވެ.
ސާކް ޑިވެލޮޕްމަންޓު ފަންޑުން ކޮވިޑް-19 އަށް އެހީވުމަށް ނިންމިއިރު ދާދިފަހުން ސާކް ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ޓެެލެކޮންފަރެންސް ބައްދަލުވުމެއްގައި ވަނީ ސާކުގެ ގައުމުތަކުން ބައިވެރިވެގެން ކޮވިޑް-19 އިމަޖެންސީ ފަންޑެއް އެކުލަވާލައިފައެވެ.