ހަލުވި ކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހުން އަޅާނުލާ ބާކީކުރާ ޚަބަރު ލިބެމުން އަންނަ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އެންއީއޯސީ އިން ކޮންމެ ދުވަހަކު ބާއްވާ ޕްރެސް ކޮންފަރެންސްގައި ރޭ، ޑރ. މުރާދު ވަނީ ބައްޔަށް ޝައްކު ކުރެވޭ މީހުންނާ މެދު ބައެއް ފަރާތްތަކުން އިހާނެތިކޮށް ކަންތައް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ބުނެފައެވެ.
ނަމަވެސް މިއީ އެކަކު އަނެކަކަށް އަޅާލާން ވީ ވަގުތު ކަމަށާއި ބާކީކޮށް ބޭކާރު ކޮށްލުމުން ބަލި މިހާއަށް އިތުރު ނަފްސާނީ ގެއްލުންތައް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދު ވަނީ ބައްޔަށް ޝައްކުކުރެވި ޓެސްޓު ކުރެވުނު މީހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ތަފާތުކުރުންތައް ކުރިމަތިވަމުން އަންނަ ކަން ފާހަގަކޮށް އެއްބައިވަންތަކަން އިސްކުރުމަށް އިލްތިމާސް ކޮށްފައެވެ.