Last Updated: November 24, 11:53
Sunday, November 24, 2024
ދުނިޔެ

އެޕަލް އާއި ގޫގްލްއިން ކޮންޓެކްޓް ޓްރޭސިންގ ސިސްޓަމެއް އުފައްދަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި އެންމެ މުހިންމު އެއް ކަމަކީ ކޮންޓެކްޓް ޓްރޭސިންގ، ނުވަތަ ބަލި ޖެހިފައިވާ މީހާއާއި ބައްދަލުވި މީހުން ހޯދުމެވެ. އެގޮތުން ބަލި ޖެހިފައިވާ މީހަކާއި ބައްދަލުވެފައިވާނަަމަ އެކަން އަންގާ ކޮންޓެކްޓް ޓްރޭސިންގ ސިސްޓަމެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ މަޝްހޫރު ދެ ޓެކް ކުންފުނި ކަމަށްވާ އެޕަލް އާއި ގޫގްލް ގުޅިގެން ފަށައިފިއެވެ.

މި ސިސްޓަމް މައިގަނޑުގޮތެއްގައި މަސައްކަތްކުރާނީ ބްލޫޓޫތު މެދުވެރިކޮށް، ދެ ފިޔަވައްސަކަށް ބަޔާލައިގެން ކަމަށް އެދެ ކުންފުނިން ނެރެފައިވާ ބަޔާނުގައިވެއެވެ. މި ސިސްޓަމުގައި އެޕްލިކޭޝަން ޕްރޮގްރާމިންގ އިންޓަރފޭސް (އޭޕީއައި) އަދި އޮޕަރޭޓިނގް ސިސްޓަމް-ލެވެލް ޓެކްނޮލޮޖީގެ ބޭނުން ކުރެވޭނެކަމަށްވެސް އެބަޔާނުގައިވެއެވެ.

އެގޮތުން މޭއި މަހު، ޕަބްލިކް ހެލްތު އޮތޯރިޓީތަކުން އުފައްދާފައިވާ އެޕްލިކޭޝަންތައް މެދުވެރިކޮށް، ދެ ކުންފުނިންވެސް އެޕަލްގެ އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކުގައި ބޭނުންކުރެވޭނެ އޭޕީއައި އެއް ނެރޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި އެޕްލިކޭޝަންތައް އެޕްސްޓޯރ އަދި ޕްލޭއި ސްޓޯރތަކުން ލިބެން ހުންނާނެއެވެ.

މި ސިސްޓަމްގެ ދެވަނަ ފިޔަވަހީގައި އަންނަން އޮތް މަސްތަކުގައި ބްލޫޓޫތު މެދުވެރިކޮށް ކޮންޓެކްޓް ޓްރޭސްކުރެވޭނެ ޕްލެޓްފޯމެއް ޤާއިމުކުރެވޭނެއެވެ. އަދި އެ ކުންފުނިތަކުން ޤަބޫލުކުރާގޮތުގައި މި ޕްލެޓްފޯމް އޭޕީއައި އަށްވުރެ ވަރުގަދަ ވެފައި، ގިނަ މީހުންނަށް ބޭނުންވެސް ކުރެވޭނެއެވެ.

މި ސިސްޓަމްގެ ދެފިޔަވަހީގައިވެސް ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތެއްގެ ޕްރައިވަސީ އަދި އެންމެހާ ޒާތީމައުލޫމާތާއި އޭގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށްވެސް ދެ ކުންފުނިން ހާމަކުރިއެވެ. އަދި މި ސިސްޓަމް ބިނާކުރުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، ސިސްޓަމާއި ބެހޭ މައުލޫމާތު އެހެން ފަރާތްކަށް ބޭނުން ކުރެވޭނެހެން އާންމުކޮށް ޝާއިރުކުރާނެ ކަމަށްވެސް އެކުންފުނިތަކުން ހާމަކޮށްފައިވެއެވެ.