މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރ ޕައުލް ޕޮގްބާއަށް މިސީޒަން ވަނީ އަނިޔާގެ ސަބަބުން އުނދަގޫ ސީޒަނަކަށް ވެފައެވެ.
ސީޒަނުގެ ކުރީކޮޅު ލިބުނު އަނިޔާއަކުން ފަރުވާ ހޯދުމަށް ފަހު ޕޮގްބާ ޑިސެމްބަރު މަހު އެނބުރި އައުމަށް ފަހު ދަނޑުމަތިން ފެނުނީ އެންމެ ދެ މެޗެއްގައެވެ. އެއަށް ފަހު އަނެއްކާވެސް އަނިޔާވެ، ސާޖަރީ އެއް ހަދަން މަޖުބޫރުވިއެވެ.
ޕޮގްބާއަށް އެންމެ ފުރަތަމަ އަނިޔާ ލިބުނީ އޮގަސްޓު މަހު ސަދަމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ނަމަވެސް އަނިޔާއާއެކު ވެސް ޕޮގްބާ އައީ ކުޅެމުންނެވެ. ކަށީގައި ރެނދެއް ލާފައިހުރިކަން ޕޮގްބާއަށް އެނގުނީ ފަހުންނެވެ.
ޕްލާސްޓަރު އަޅައިގެން ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ޑިސެމްބަރު މަހު އެނބުރި އައިސް ނިއުކާސަލް އަދި ވަޓްފޯޑް މެޗަށް ފަހު އަނެއްކާވެސް ފަޔަށް އަނިޔާވެ ޑޮކްޓަރުން ވަނީ ސާޖަރީ ނޫން އިތުރު ގޮތެއް ނެތް ކަމަށް ބުނެ ސާޖަރީއެއް ކޮށްފައެވެ.
ޔުނައިޓެޑް ޕޮޑްކާސްޓަށް ވާހަކަ ދައްކަމުން ޕޮގްބާ ބުނެފައިވަނީ އޭނާ މިހާރު ހުރީ މުޅިން ރަނގަޅު ވެފައި ކަމަށާއި ކުޅެން މިހާރު ހުރީ ކެތް މަދުވެފައި ކަމަށެވެ.
ޕްރިމިއާ ލީގުގެ އިތުރުން ޔޫރަޕުގެ ބޮޑު ހުރިހާ ލީގެއް ވަނީ ކޮވިޑް-19 ފެތުރެމުންދާތީ މެދު ކަނޑާލާފައެވެ. ލީގު އަލުން ފެށޭނެ ދުވަހެއް އިދާރާތަކަށް އަދި ހާމަކުރަން ދަތިއެވެ.