ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ކުނު އޭޝިއާއިން އެންމެ ބޮޑު ގެއްލުމެއްވާނީ ދިވެހިރާއްޖެއަށް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން ބުނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދު އެންމެ ގޯސް ހާލަތުގައި ރާއްޖޭގެ އުފެއްދުން ތެރިކަމުގެ ނިސްބަތް މައިނަސް 8.5 އާއި މައިނަސް 13 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވެއްޓޭނެ ކަމަށެވެ. އެގޮތަށް ލަފާކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުންނެވެ. އަދި ކޮވިޑް19 އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓުމަށް އައިސްފަ ވުމުންނެވެ.
ވޯލްޑް ބޭންކުން ބުނީ މިއީ ފާއިތުވި 40 އަހަރު ތެރޭގައި ދެކުނު އޭޝިއާގެ އިގްތިސާދު އެންމެ ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރާ އަހަރު ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ. އަދި އިގްތިސާދު ދަށްވުމުގެ ސަބަބުން އާމްދަނީގެ ފަރަގު ބޮޑުވެ، ފަގީރުންގެ ނިސްބަތް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުން މިގޮތަށް ލަފާކޮށްފައިވާއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ކޮވިޑް-19 ވައިރަހާއި ގުޅިގެން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ މައިނަސް 17.7 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ މައިނަސް 17.7 ޕަސެންޓަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ވެއްޓިދާނެ ކަމަށް ލަފާ ކުރީ މީގެކުރިން ކުރިމަތިވެފައިވާ ގްލޯބަލް ފައިނޭޝަލް ކްރައިސިސްތަކާއި އަޅާ ކިޔުމަށްފަހު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑަށް ރާއްޖޭގެ އިގްތިސޯދަށްވެސް މިފަހަުގެ ތާރީހެއްގައި ބޮޑު އަސަރެއް ކޮށްފައިވަނީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ކަމަށެވެ. އެންމެ ގޯސް ވެދާނެ ހާލަތެއް ކަމަށް ގަވަރުނަރު ފާހަގަކުރެއްވި ހާލަތަކީ ކޮވިޑް-19 ގެ ސަބަބުން އެއްވެސް ފަތުރުވެރިޔަކު ރާއްޖެ ނައުން ނުވަތަ ފަތުރުވެރިން ރާއްޖެއަށް މަދުން އައުމެވެ. ގަވަރުނަރު ވިދާޅުވީ މިހާރަށްވުރެ ބޭރުގެ އެހީއަށް ބަރޯސާވެ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.